ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދަށް ބިންހެލުންތަކެއް އައިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން، އަނެއްކާ ވެސް ތުރުކީއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިފަހަރު ބިންހެލުން އައީ ރެކްޓަރ މިންގަނޑުން 5.3 މެގްނެޓިއުޓްގެ ބާރުމިނުގައި ތުރުކީގެ ނައިދޭ ޕްރޮވިންސްއަށެވެ. މި ބިންހެލުމުގައި ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި ނުލިބެއެވެ. މި ބިންހެލުމުގެ ސަބަބުން މިހާތަނަށް މީހަކު މަރުވިކަން ނުވަތަ ނުވާކަން ވެސް، އެއްވެސް ރަސްމީ މަސްދަރަކުން ހާމަކޮށްފައެއް ނުވެއެވެ.
ރެސްޕޮންސް ޓީމުތަކުން މިހާރު އަންނަނީ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
މި ބިންހެލުން އައީ އެގައުމުގެ ގަޑިން މެންދުރު ފަހު 1:27ގައެވެ. ބިންހެލުން އައި ސަރަހައްދަކީ ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދާ 350 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
މި ބިންހެލުން އައިތާ ދެ ހަފުތާއެއްހާ ދުވަސް ކުރިން އައި ބިންހެލުންތަކުގައި 50،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ބިންހެލުމުގައި ތުރުކީން އެކަނިވެސް 44،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސޫރިއާގައި މަރުވި މީހުންގެ އަދަދަކީ 5،914 އެވެ.
ބިންހެލުމާ ގުޅިގެން ތުރުކީއާއި، ސޫރިޔާއިން މިލިއަނަކަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެ މަގުމަތިވެފައިވާއިރު، ބިންހެލުމުގެ އަސަރުކޮށް އިންސާނީ އެހީ ބޭނުންވާ މީހުންގެ އަދަދު 26 މިލިއަނަށް އަރާކަމަށް އދއިން އަންދާޒާ ކޮށްފައި ވެއެވެ.
ތުރުކީ-ސޫރިޔާ ބޯޑަރު ސަރަހައްދަށް އަނެއްކާވެސް ބިންހެލުމެއް މިއައީ ދެ ޕްރޮވިންސެއް ފިޔަވައި، އެހެން ސަރަހައްދުތަކުން ރެސްކިއު ޓީމުތަކުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށެވެ. އެމަސައްކަތް ހުއްޓާލައި، ބައިނަލްއަގްވާމީ ގިނަ ރެސްކިއު ޓީމުތައް ވެސް ވަނީ ތުރުކީން ފުރާފައެވެ.