މިއަހަރު މިހާތަނަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ހަފުތާ މާލީ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާބަލާއިރު 38 އިންސައްތައިގެ ކުރިއެރުމެކެވެ. ކުރީއަހަރުގެ މި މުއްދަތުގައި ދައުލަތައް އާމްދަނީގެ ގޮތުގައި ލިބުނީ 3.1 ބިލިއަން ރުފިޔާއެވެ.
ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.9 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 720 މިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތުގެ އާމްދަނީ 4.6 ބިލިއަނަށް އަރާފައިވާއިރު، މިމުއްދަތުގައި ދައުލަތުން ހޭދަކުރީ 4.7 ބިލިއަން ރުފިޔާއެވެ. ނިމިދިޔަ 2022 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދު ހުރީ 3.6 ބިލިއަން ރުފިޔާގައެވެ.
ދައުލަތުން ހޭދަކުރި 4.7 ބިލިއަން ރުފިޔާގެ ތެރޭގައި މުސާރައާއި އިދާރީ އަދި ހިންގުމަށްކުރި ހަރަދާއި ލޯނުތައް އަނބުރާ ދެއްކުމަށްކުރި ހަރަދު ހިމެނެއެވެ.
އެގޮތުން ދައުލަތުގެ ހަރަދުތަކުގެ ތެރެއިން 942 މިލިއަން ރުފިޔާ ހޭދަކޮށްފައިވަނީ މުސާރަ އާއި އިދާރީ އަދި ހިންގުމުގެ ހަރަދަށެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 45 މިލިއަން ރުފިޔާ އަދި ލޯނުތައް އަނބުރާ ދެއްކުމަށް 494 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ދައުލަތުން ކުރި ހަރަދުތަކުގެ ތެރޭގައި ސަބްސިޑީތަކަށް ހޭދަކުރި 772 މިލިއަން ރުފިޔާ ހިމެނޭއިރު ތަރައްގީގެ މަޝްރޫއުތައް ވަނީ 797 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.