ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ކުޅުމަށްވުރެ، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރަނގަޅުވާނީ "ބޯވަ ނަގަން ފަރަށް ދިޔައީމާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިފާއު މިފަދައިން ވިދާޅުވީ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ވޯޓު ހަމަކުރުމުގެ މަސައްކަތް އެމްޑީޕީގައި އޮތް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ފަށާނެ ކަމުގެ އިންޒާރުދެއްވާ އާޒިމް ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދުގައެވެ.

އާޒިމް ޓްވީޓް ކުރެއްވީ މަޖިލީހުގެ ރައީސް ވަކިކުރުމަށްޓަކައި ވޯޓު ހަމަކުރަން މަސައްކަތް ފަށައިފިނަމަ ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ ވޯޓު ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ އިންޒާރުގެ މެސެޖު ލިޔުއްވައެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުމާއެކު މަޖިލިހުގެ ރައީސްކަމުން ނަޝީދު ދުރުކުރުމަށް ސޮއި ހޯދުމުގެ މަސައްކަތް ރައީސް ސޯލިހުގެ ފެކްޝަންގެ ބައެއް މަޖިލިސް މެމްބަރުން ފެއްޓެވިއެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ހުއްޓާލިއެވެ. އެކަން ހުއްޓާލިއިރު ސޮއިވެސް ހަމަކޮށްފައިވާ ކަމަށް ވެއެވެ.

ގާނޫނުއަސާސީގައިވާ ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ސިމްޕަލް މެޖޯރިޓީން ފާސްވާނެއެވެ. އެއީ މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް އޮތްއިރު، އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ތިއްބެވީ ރައީސް ސޯލިހާއެކުއެވެ. އެފަދަ ވޯޓެއް ނަގައިފި ނަމަ، މިނިވަން މެމްބަރުންނާއި، އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުން އަދި އެމްޑީޕީއަށް ނިސްބަތްވާ ރައީސް ސޯލިހަށް ވަފާތެރި މެމްބަރުންގެ ވޯޓު ހިމެނޭހެން، ފާސްވުމަކީ ވާން އޮތް ކަމެކެވެ.

އަނެއްކޮޅުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި އެބަ ހުއްޓެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.