ރާއްޖޭގައި މިވަގުތު އެންމެ ގިނަބައެއްގެ ކަޅި ހުއްޓިފައިވާ އަދި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިސްތަރުޖަމާނަކަށް، ރާއްޖޭގެ ހުރިހާ މީޑިއާއަކާ ވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދާ އަލީ ޞާލިޙް (ސޯބެ) ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ޞާލިޙް ޕާޓީގެ އިސްތަރުޖަމާނަކަށް އަނެއްކާވެސް ހަމަޖެއްސިއިރު، އެންމެފުރަތަމަ އޭނާ ހަވާލުވީ ޕާޓީގެ ތަރުޖަމާނުގެ މަގާމާއެވެ. އެއީ 2013 ވަނަ އަހަރުއެވެ. އެފަހުން ޕާޓީގެ އިސްތަރުޖަމާނުގެ މަގާމާ އަލީ ޞާލިޙް ހަވާލުވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންކަމުން ޕާޓީގެ ޚަބާއި މައުލޫމާތު މީޑިއާތަކާއި، އާންމުންނަށް ފޯރުކޮށްދިނުމުގައި ހީވާގިކަމާއެކު އަލީ ޞާލިޙް މަސައްކަތްކުރައްވަމުން ގެންދަވާތާ ގާތްގަނޑަކަށް 10 އަހަރު މިވަނީ ވެފައެވެ.

ޕާޓީގެ އަސާސީ ގަވައިދުގައިވާގޮތުން، ޕާޓީގެ އިސް ތަރުޖަމާނުގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމުގެ ބާރު ލިބިވަޑައިގަންނަވަނީ ޕާޓީގެ ލީޑަރަށެވެ. އެ މަގާމުގައި ހުންނެވީ ޕާޓީގެ ބާނީ، އޮނަރަބަލް ޤާސިމް އިބްރާޙީމެވެ.

ޕާޓީގެ އިސްތަރުޖަމާނަކަށް އަލީ ޞާލިޙް ހަމަޖެއްސިއިރު، މިއަދު އެ ޕާޓީން ވަނީ ކައުންސިލް ބައްދަލުވުމެއް ބާއްވައި، މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނުވަތަ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނަކުން އިންތިޚާބުގައި ވާދަކުރުމަށް މިއަދު ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޕާޓީގެ އިސް ތަރުޖަމާނަކަށް އަލީ ޞާލިޙް ހަމަޖެއްސެވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ތަރުޖަމާނަކަށް، ރާއްޖޭގެ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން، ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް، މިއަދާ ހަމައަށް ވެސް އެ މަގާމުގައި ހުންނެވި އަލީ އާރިފް ވަނީ ހަމަޖައްސާފައެވެ.

ޕާޓީގެ އިސްތަރުޖަމާނުގެ މަގާމަށް އަނެއްކާވެސް އަލީ ޞާލިޙް އައްޔަންކުރެއްވިއިރު، އޭނާ ސިޔާސީ މަސައްކަތް ފެއްޓެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިންނެވެ. ޢަލީ ޞާލީހް ވަނީ ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމުވެސް އަދާކުރައްވާފައެވެ.

2018 ވަނަ އަހަރު އުފެދުނު ކޯލިޝަން ސަރުކާރުގައި އަލީ އެންމެފުރަތަމަ މަސައްކަތްކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ގޮތުގައެވެ. ނަމަވެސް، 5 މެއި 2021 ގައި އެ މިނިސްޓްރީ އުވާލައި، އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އުފެއްދުމާއެކު، އައްޑުއަތޮޅު ހިތަދޫ އާޒާދީގެއަށް ނިސްބަތްވާ ޢަލީ ޞާލިޙް ދެން މަސައްކަތް ކުރައްވަން ފެއްޓެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ ހައިސިއްޔަތުންނެވެ.

އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކޮށްފައިވަނީ މި އަހަރުގެ ތެރޭގައެވެ.

ޢަލީ ޞާލިޙް ފާހަގަކުރެއްވެނީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގައި ހުންނެވިއިރު އަދި އެފަހުން އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީއަށް ބަދަލުވުމަށް ފަހުވެސް، އޭނާ މަސައްކަތް ކުރެއްވީ މިނިސްޓްރީގެ މީޑިއާ ހިންގުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ. މިނިސްޓްރީން ކުރާ ކަންކަމާއި މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގެ ޚަބަރާއި މައުލޫމަތު ނޫސްވެރިންނަށް ފޯރުކޮށްދިނުމުގައި ސީދާ މެދުވެރިއަކަށް ޢަލީ ޞާލިޙް ވިއެވެ.