ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާއިން ކޮންމެ އަހަރަކު ވެސް ހޮވާ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ފުޓުބޯޅަ ޝަހްސިއްޔަތުތަކާއި ޓީމުތައް ހޮވައި، އެ ފަރާތްތަކަށް އެވޯޑުދޭ ހަފްލާ، ފީފާ ވޯލްޑް ކަޕުގެ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ ސަޕޯޓަރުންނަށް ހާއްސަ، ބޮޑު ރެޔަކަށް ވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި ފީފާ ދަ ބެސްޓް އެވޯޑު ހަފްލާގައި، "މެންސް ފުޓްބޯލް"ގެ އެންމެ ޝަރަފުވެރި އެވޯޑުތައް ހޯދާފައިވާ އާޖެންޓީނާ ޓީމުގެ ފަރާތްތަކެވެ. އެގޮތުން މިދިޔަ 2022 ވަނަ އަހަރުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ، އާޖެންޓީނާއަށް ވޯލްޑް ކަޕުގެ ތަށި އުފުލާލަދިނުމުގައި އެންމެ އިސްދައުރެއް އަދާކުރި އެ ޓީމުގެ ކީޕަރު، އެމިލިއާނޯ މާޓިނޭޒް އަށެވެ. މާޓިނޭޒްއާއެކު މި އެވޯޑަށް ދެން ވާދަކުރީ، މޮރޮކޯގެ ކީޕަރު ޔާސީން ބޮއުނޯއާއި، ބެލްޖިއަމްއާއި ރެއާލް މެޑްރިޑުގެ އިތުބާރު ގޯލްކީޕަރު، ތިބޮއު ކޯޓުއާއެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ހޯދި އެމިލިއާނޯ މާޓިނޭޒް

2022 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ، އާޖެންޓީނާއަށް 36 އަހަރަށްފަހު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު، ސްކަލޯނީއެވެ. އޭނާއަށް މި އެވޯޑް ލިބުނީ، ރެއާލް މެޑްރިޑުގެ ކޯޗު، ކާލޯ އެންޗެލޮޓީއާއި މެންޗަސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާއާ ވާދަކޮށްގެންނެވެ.

އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި ސްކަލޯނީ

މިދިޔަ އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ސަޕޯޓަރުންނަށްދޭ "ފީފާ ދަ ބެސްޓް ފޭން" އެވޯޑު ހޯދީ ވެސް އާޖެންޓީނާގެ ސަޕޯޓަރުންނެވެ. އެ ޓީމުގެ ސަޕޯޓަރުން މި އެވޯޑު ހޯދީ، ޖަޕާނުގެ ސަޕޯޓަރުންނާއި، ވޯލްޑް ކަޕުގައި ސައުދީ ޓީމަށް ސަޕޯޓުކުރުމަށް، ފައިމަގުގައި 1600 ކިލޯމީޓަރުގެ ދަތުރެއް ކުރުމަށްފަހު ގަތަރަށް އައި އަބްދުﷲ އަލްސުލްމީއާ ވާދަކޮށްގެންނެވެ.

ލިއޮނެލް މެސީ

ފީފާ ދަ ބެސްޓް އެވޯޑު ހަފްލާގައިދޭ އެންމެ ޝަރަފުވެރި އެވޯޑު، "ފީފާ ދަ ބެސްޓް، މެންސް ޕްލެޔާ"ގެ އެވޯޑު ހާސިލްކުރީ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މެެސީ ވަނީ މީގެކުރިން 2019 ވަނަ އަހަރު ވެސް މި އެވޯޑު ހާސިލްކޮށްފައެވެ. ފުޓުބޯޅައިގެ އެންމެ ހައިބަތުބޮޑު އެވޯޑު، ބެލަންޑޯ އެވޯޑު ހަތް ފަހަރަށް ހޯދާފައިވާ މެސީއަށް، މި ފަހަރުގެ "ފީފާ ދަ ބެސްޓް، މެންސް ޕްލެޔާ" އެވޯޑު ލިބުމުގައި، އާޖެންޓީނާއިން ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި އޭނާ އަދާކުރި ދައުރު، ބޮޑު ހިއްސާއެއް އަދާކުރެއެވެ.

ފީފާއިން ހޮވި ފީފާ ފިފްޕްރޯ މެންސް ވޯލްޑް 11

މި ހަފްލާގައި ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ވެސް މެސީ ހިމެނެއެވެ، މެސީގެ އިތުރުން ދެން މި ލިސްޓުގައި ހިމެނެނީ، ކިލިއަން އެމްބާޕޭ، އާލިންގް ހާލަންޑް، ކަރީމް ބެންޒެމާ، ލޫކާ މޮޑްރިޗް، ކަސެމީރޯ، ކެވިން ޑި ބްރުއިނޭ، ވާޖިލް ވެންޑައިކް، ޖާއޮ ކެންސެލޯ، އަޝްރަފް ހަކީމީ އަދި ގޯލްކީޕަރެއްގެ ގޮތުގައި ތިބޮއު ކޯޓުއާއެވެ.