ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރަމުން، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ، ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމީ، މިހާރު އެ ކޯޓު ހިންގަމުންދާ ހަތަރު ފަންގިފިލާގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމަށެވެ.

މީގެއިތުރުން، އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރުވެސް ރައްކާތެރި ގޮތެއް ނޫން ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތުގައި ކްރިމިނަލް ކޯޓު ހިންގުމަށް ސަރުކާރުން ހަމަޖައްސައިދީފައިވާއިރު، އެ އިމާރާތަށް ބަދަލުވުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ޑީޖޭއޭއިން ވަނީ ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އުސޫލުގެ ދަށުން އަދި ޝިފްޓު ޑިއުޓީގެ އުސޫލުން މިވަގުތު ކުރާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމާފައެވެ.