ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާއިން، ކޮންމެ އަހަރަކު ބާއްވާ އެވޯޑު ހަފްލާ، "ފީފާ ދަ ބެސްޓް"އަށް، ދުނިޔޭގެ ކުލަބު ފުޓުބޯޅައިގެ ރަސްގެފާނު، ރެއާލް މެޑްރިޑުގެ ކުޅުންތެރިން ނުދިޔަ ސަބަބާމެދު ގިނަބަޔަކު ބަހުސްކުރަން ފަށައިފިއެވެ.

ހޯމަ ދުވަހުގެރޭ ބޭއްވި މި އެވޯޑު ހަފްލާގައި ރެއާލް މެޑްރިޑުގެ ބައެއް ކުޅުންތެރިންނަށްވެސް އެވޯޑު ލިބި، ބައެއް ކުޅުންތެރިންނާއި ޓީމުގެ ކޯޗު ވެސް ވަނީ އެވޯޑުތަކަކަށް ނޮމިނޭޓުވެފައެވެ.

އެގޮތުން ފީފާއިން ހޮވި 2022 ވަނަ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ރެއާލްގެ ތިން ކުޅުންތެރިން ހިމެނެއެވެ. އެއީ ކީޕަރު ތިބޮއު ކޯޓުއާ، މިޑްފީލްޑަރު ލޫކާ މޮޑްރިޗް، ކެޕްޓަން އަދި ފޯވާޑް ކަރީމް ބެންޒީމާއެވެ. މީގެއިތުރުން 2022 ވަނަ އަހަރުގެ ދެބައިކުޅަ އެއްބައިގައި ރެއާލްގެ ޖާޒީގައި ކުޅެ، އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވި، ކަސެމީރޯއަށް ވެސް ފީފާ ފިފްޕްރޯ ވޯލްޑް 11 އިން ޖާގަ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި އާޖެންޓީނާގެ ކޯޗު، ލިއޮނެލް ސްކަލޯނީ ހޮވުނުއިރު، ގަދަ ތިނެއްގެ ނޮމިނޭޝަނުގައި ރެއާލްގެ ކޯޗު ކާލޯ އަންޗަލޮޓީ ހިމެނުނެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ކުޅުންތެރިންނާއި ކޯޗު މި އެވޯޑު ހަފްލާ "ބޮއިކޮޓް"ކުރީ، ފީފާއިން އެވޯޑު ދިނުމުގައި ހަމަހަމަކަން ނުގެންގުޅޭކަމަށް ގަބޫލުކުރެވޭތީއެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި ޔޫރަޕުގެ ކުލަބު ފުޓުބޯޅައިގައި އެތައް އެވޯޑެއް ރެއާލްއަށް ހާސިލްކޮށްދިން ކޯޗު، އަންޗެލޮޓީއަށް އެންމެ މޮޅު ކޯޗުގެ އެވޯޑު ނުދީ، ހަމައެކަނި ވޯލްޑް ކަޕް ކާމިޔާބުކުރި ސްކަލޯނީއަށް މި އެވޯޑު ދިނުން ބައެއް ފަރާތްތަކުން ސިފަކުރީ އިންސާފެއް ނެތް ކަމެއްގެ ގޮތުގައެވެ. އަދި ރެއާލަށް މިދިޔަ އަހަރުގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގާއި، ލަލީގާގެ އިތުރުން ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެ ޓީމުގެ ކެޕްޓަން ބެންޒެމާއަށް، ފީފާ ދަ ބެސްޓު މެންސް ޕްލެޔާގެ އެވޯޑު ނުލިބުމުން ވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލުއުފައްދަމުންނެވެ. ބެންޒެމާ ވަނި އެންމެފަހުގެ ބެލަންޑޯ އެވޯޑު ވެސް ހާސިލްކޮށްފައެވެ.

ރެއާލް އިން މި އެވޯޑު ހަފްލާ "ބޮއިކޮޓް ކުރީކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، ހަގީގަތުގައި އެ ކުޅުންތެރިން މި އެވޯޑު ހަފްލާއަށް ނައީ އެހެން ސަބަބެއް އޮވެގެންނެވެ. އެއީ މި ހަފްތާގައި އެ ޓީމުން ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗަށް، އެންމެ ފުރިިހަމައަށް ތައްޔާރުވުމުގެ ގޮތުން ނިންމި ނިންމުމެއްކަމަށް އެ ޓީމުގެ އިސްއޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.