ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ޔަހޫދީ ވަޒަންވެރިން ގްރޫޕް ހަދައިގެން ރަށުތެރެއަށް ނުކުމެ، ފަލަސްތީނު މީހުންގެ ގެތަކާއި ކާރުތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދެމުން އެބަގެންދެއެވެ.
ޔަހޫދީ ވަޒަންވެރިންގެ ގްރޫޕްތަކުން މިކަން ކުރަމުން ގެންދަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތުގައި ތިބެގެންނެވެ.
އުރުދުން ވާދީގެ ތޫބާސް ސިޓީގައި، ރޭވެސް ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްތީނު ޒުވާނުންނާ ދިމާއަށް ބަޑިޖަހައި، ތަންތަނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ، ޔަހޫދީ ވަޒަންވެރިން ފަލަސްތީނު އާއިލާތަކުގެ ގެތަކާއި ކާރުތަކާއި، ވިޔަފާރިތަކުގައި ހުޅުޖަހައި ގެއްލުން ދެމުން ގެންދާއިރު، އިސްރާއީލު ސިފައިން ތިބެނީ ހަމައެކަނި އަމިއްލަ ދިފާއުގައި ކަމެއް ކުރާ ފަލަސްތީނު މީހުންނަށް ހަމަލާ ދިނުމަށް ކަމަށެވެ.
އެގޮތުން، ޔަހޫދީ ވަޒަންވެރިން ހުއްޓުވަން ނުވަތަ އަމިއްލަ ދިފާއުގައި ކަމެއްކުރާ ފަލަސްތީނު މީހެއް ވިއްޔާ، އެމީހަކު ހިފައި ހައްޔަރުކޮށް ބޮޑެތި އަނިޔާކުރާ ކަމަށްވެސް ފަލަސްތީނުން ބުނެއެވެ.
އަމިއްލަ ދިފާއުގައި ކަމެއް ކުރުމުން ތޫބާސް ސިޓީގައި ރޭވެސް ފަލަސްތީނު މީހަކު ހައްޔަރުކޮށް ބޮޑެތި އަނިޔާތައް ކޮށްފައި ވެއެވެ.
ޔަހޫދީ ވަޒަންވެރިން ހުއްޓުވަން އުޅުނު ފަލަސްތީނު އެތައް ބައެއްގެ ގަޔަށް، އިސްރާއީލު ސިފައިން މީގެކުރިން ބަޑިޖަހައި ޒަޚަމްކޮށް، ކަރުނަގޭހުންވެސް ހަމަލާތައް ދީފައި ވެއެވެ.
ހަތިޔާރު ހިފައިގެން، ގްރޫޕް ހަދައި ރަށުތެރެއަށް ނުކުމެއުޅޭ ޔަހޫދީ ވަޒަންވެރިންނަކީ ފަލަސްތީނު ސިޓީތަކުގެ ތެރޭގައި އިސްރާއީލުން ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ވަޒަންވެރިންނެވެ.
އެމީހުން ރަށުތެރެއަށް ނުކުމެ ފަލަސްތީނު މީހުންނަށް ހަމަލާދީ، ގެތަކާއި، ފިހާރަތަކުގައި ހުޅުޖަހައި ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވާކަށް އިސްރާއީލު ސިފައިން ނޫޅެއެވެ. މިއީ، އިސްރާއީލުގެ މިހާރުގެ އަނިޔާވެރި ސަރުކާރުންވެސް ތާއީދުދޭ ކަމެކެވެ.
ރޭގައިވެސް، ހުޅަނގު އައްސޭރީގެ ޖެނީން ގަވަރމަންޓް ހޮސްޕިޓަލުގައި އޮތް، އުމުރުން 12 އަހަރުގެ ބަލި ކުއްޖަކު، ވެރިރަށް ރާމަﷲ ގެ އެޗް.ހޮސްޕިޓަލްގެ އައިސީޔޫއަށް ބަދަލުކުރަން ގެންދަނިކޮށް، ޔަހޫދީ ވަޒަންވެރިންވަނީ އެމްބިއުލެންސަށް ހަމަލާދީފައެވެ.
މި ހަމަލާގައި، އެމްބިއުލެންސްގެ ބިއްލޫރިތައް ތަޅައި ސުންނާފަތިކޮށް ބޮޑެތި ގެއްލުން ލިބުނުއިރު، އެމްބިއުލެންސްގައި ހުރި، 12 އަހަރުގެ ކުއްޖާގެ މަންމައަށްވެސް ބޮޑެތި އަނިޔާތައް ލިބި، ފަރުވާދޭން ޖެހުނު ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ޔަހޫދީ ވަޒަންވެރިން ހަމަލާދެމުން ގެންދިއުމާއެކުވެސް އެމްބިއުލެންސްވަނީ މަޑުނުކޮށް ދުއްވަމުން، ހޮސްޕިޓަލާ ހަމައަށް ވާސިލްވެފައެވެ.
ހުޅަނގު އައްސޭރީގެ ހުވާރާ ޓައުން އެއްކޮށް ކަހަލަ ގޮތަކަށް އިއްޔެގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ. މި މަންޒަރު ބަލަން އިސްރާއީލު ސިފައިންގެ ފައުޖުތައް ތިބި އިރު، ޔަހޫދީ ވަޒަންވެރިން ހުއްޓުވަން ފަލަސްތީނު މީހުން ގާތްވިޔަކަނުދިނެވެ.