• ތުރުކީން މަރުވި މީހުންގެ އަދަދު 44،000 ގައި، ސޫރިޔާއިން މަރުވި އަދަދު 6،000 ގައި

މިނިމުނު ފެބްރުއަރީމަހުގެ ކުރީކޮޅު ތުރުކީގެ ދެކުނަށާއި، ސޫރިޔާގެ އުތުރަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 50،000 އަށް އަރާފައިވާ ކަމަށް އދއިން ބުނެފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، އދގެ އިންސާނީ އެހީއާބެހޭ ވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވީ، ބިންހެލުމުގައި ވެއްޓުނު އެތައްހާސް އިމާރާތެއްގެ ދަށުވެ، އަދިވެސް އެތައްހާސް ބަޔަކު ގެއްލިފައިވާ ކަމަށެވެ.

ބިންހެލުންތަކުގައި ޒަޚަމްވި މީހުންގެ އަދަދު އެތައް ލައްކައިން މަތީގައި އުޅޭއިރު، ގެދޮރާއި، އިމާރާތްތައް ހަލާކުވެ ސުންނާފަތި ވުމުގެ ސަބަބުން އެތައް މިލިއަން މީހުން ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައި ވެއެވެ.

މާޓިން ގްރިފިތްސް ވިދާޅުވީ، ބިންހެލުންތަކުގައި ތުރުކީން އެކަނިވެސް ގާތްގަނޑަކަށް 44،000 މީހުން މަރުވެފައިވާ ކަމަށެވެ. ސޫރިޔާއިން 6،000 މީހުން މަރުވެފައިވާ ކަމަށެވެ. ސޫރިޔާއިން ގިނަމީހުން މަރުވެފައިވަނީ ހަނގުރާމަވެރިން ކޮންޓްރޯލްކުރާ ސަރަހައްދުތަކުން ކަމަށްވެސް ގްރިފިތްސް ވިދާޅުވިއެވެ.

ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އދއިންވަނީ، ދުނިޔެއަށް އިލްތިމާސް ކޮށްފައެވެ.

ސޫރިޔާއަށް 397.6 މިލިއަން ޑޮލަރު ހޯދުމަށް އިލްތިމާސް ކޮށްފައިވާއިރު، ތުރުކީއަށް 1 ބިލިއަން ޑޮލަރު ހޯދުމަށް އިލްތިމާސް ކޮށްފައި ވެއެވެ. މިއީ، ކުރިއަށްއޮތް 3 މަސްދުވަހަށް އިމަޖެންސީކޮށް ބޭނުންވާ މިންވަރު ކަމަށްވެސް ބުނެއެވެ.

މާޓިން ގްރިފިތްސް ވިދާޅުވީ، ބިންހެލުންތަކުގެ ސަބަބުން ސޫރިޔާ އަދި ތުރުކީގައި، ވެއްޓިދާނެ ކަމުގެ ބިރު އުފެދިފައިވާ އެތައްހާސް އިމާރާތެއް އެބަހުރި ކަމަށެވެ. އެ އިމާރާތްތައް ވައްޓާލަންޖެހިފައިވާ ކަމަށެވެ.

ސޫރިޔާގައި ވެއްޓިފައިވާ އިމާރާތްތައް ނަގައި ސާފުކުރުމަށް މެޝިނަރީޒް އެތެރެކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސޫރިޔާގައި ވަގުތީ ހޮސްޕިޓަލްތައް ގާއިމްކުރަން މެޑިކަލް އާލާތްތައް ބޭނުންވާ ކަމަށާއި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނުވެސް ބޭނުންވާ ކަމަށް ގްރިފިތްސް ވިދާޅުވިއެވެ.

ހާލުގައި ޖެހިފައިވާ އެތައް މިލިއަން މީހުން، ގަދަ ފިނީގައި ތޮއްޖެހިފައިވާ ހާލުގައި ޓެންޓުތަކުގައި ދިރިއުޅުން ވޭތިކުރަމުންދާއިރު، އެމީހުންގެ މެދުގައި ބަލިމަޑުކަމެއް ފެތުރެން ފަށާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އދއިން ބުނެއެވެ.

ބިންހެލުން އައި ސަރަހައްދުތަކުގައި ކާބޯތަކެތީގެ އަގުވެސް އިންތިހާއަށް އުފުލެމުންދާ ކަމަށް އދގެ އިންސާނީ އެހީއާބެހޭ ވެރިޔާ ވިދާޅުވިއެވެ.