ދިވެހިރާއްޖޭގެ އެއްވެސް ފަޅުރަށެއް، ފަޅެއް، ފަރެއް އަދި ފިނޮޅެއްވެސް ނާޖާއިޒުގޮތުގައި ނުހައްގުން ބަޔަކާއި ގުޅިގެންވިޔަސް އަދި އެނޫންގޮތަކުންވިޔަސް މިހާތަނަށް އެއްވެސް ސަރުކާރަކުން ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް ހޯއްދަވާފައިނުވާ ކަމަށް އެ ޕާޓީގެ އިސްތަރުޖަމާން އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހް ވިދާޅުވެއްޖެއެވެ.

އަލީ ސާލިހް މިހެން ވިދާޅުވެފައިމިވަނީ ބަދަލުގެ ގޮތުގައި ދައުލަތުން ނަންގަވައިގެން އުޅުއްވާ ރަށްތަކާއި ފަޅުތަކާއި ގުޅިގެން ސުވާލުކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯފާވެއްޖެ ކަމަށް ބުނެ ރާއްޖޭގެ މީޑިއާއެއްގައި ލިޔުއްވާފައިވާ ލިއުމަކާ ގުޅިގެންނެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން އަލީ ސާލިހް ވިދާޅުވީ އެފަދަ މުއާމަލާތެއް ކުރުމުގެ ވިސްނުންފުޅެއް ދުވަހަކުވެސް ގާސިމް ނުގެންގުޅުއްވާ ކަމަށާއި އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށްވެސް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ އެއްވެސް ތަހުގީގީ އިދާރާއެއްގައި، ޝަރުއީކޯޓެއްގައިވެސް އަދި ޝަރުއީކޯޓެއްގައި ހިނގާ ނިމި ހުކުމެއް އައިސްފައިވާ މައްސަލައެއްގައިވެސް އޮނަރަބްލް ގާސިމް އިބްރާހީމާއި ގުޅޭގޮތުން މިޒާތުގެ ކަމެއް ނެތްކަމީ މިސާލެއް. ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ފަޅުތަކާއި ރަށްރަށް ވިއްކަވައިގެން ފައިސާ ލޯންޑަރ ކުރެއްވިކަން ސާބިތުވެ ހުކުމެއް އައިސްފައިވޭ."
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސާލިހް

އެބޭފުޅަކަށް ތާއީދުކުރާކަން ރައްޔިތުންނަށް އެނގޭ ބަޔަކު، ގާސިމްއާ މިހާރު ޒާތީގޮތުން ދިމާކުރުމަކީ އެއްކަލަ ފައިސާތައް ހުދުކުރި ބީދައިން ޝަޚުސުވެސް ހުދުކުރުމަށް އޮތް އެންމެ މޮޅުގޮތް ކަމުގައި ދެކޭނަމަ އެއީ ކުށްހީއެއްކަން އަލީ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އެކަމަށް ފުރުސަތެއް ނެތްކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ ދިވެހިން ގާސިމް ދެކެނީ މަދަދުގާރެއްގެ ގޮތުގައި ކަމަށެވެ.

އަދި ގާސިމަކީ ހަމަޖެހުން ގެނެސްދޭނެ ވެރިއެއްގެ ގޮތުގައި ރައްޔިތުން ގަބޫލުކުރާ ކަމަށާއި ދުރުވިސްނުންފުޅާއެކު ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރެއްވި އަދި ކުރައްވާ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ވަނީ ގާސިމަކީ އާންމު ރައްޔިތުންގެ ތައުލީމީ ބައްޕަކަން ފާހަގަކުރައްވާ އެމަނިކުފާނަކީ ރައްޔިތުންގެ ޒަރޫރަތާއި މައީޝަތާއި އިގްތިސާދީ ކަންކަމުގެ އެހީތެރިޔާ ކަމަށް ވިދާޅުވެފައެވެ.