އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާއި، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް، ކުޑަ އިރުކޮޅަކަށް ބައްދަލުކުރައްވައި، ދެބޭފުޅުން ވާހަކަފުޅު ދައްކަވައިފިއެވެ.
ދެބޭފުޅުން މިގޮތަށް ބައްދަލުކުރައްވައި ވާހަކަފުޅު މިދެއްކެވީ، އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފެށި، ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ނުވަތަ ޖީ20 ޚާރިޖީ ވަޒީރުންގެ ސަމިޓުގެ އަރިމަތިންނެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ އިސް ބޭފުޅަކު ވިދާޅުވީ، އެންތަނީ ބްލިންކެންއާއި، ސަރްގެއި ލަވްރޯފް ވާހަކަފުޅު ދެއްކެވީ 10 ވަރަކަށް މިނެޓް ވަންދެން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ، ޔޫކްރެއިންގެ ދިފާއަށް އެގައުމުން ކުރަމުންދާ މަސައްކަތަށް ކިތަންމެ ދުވަހެއް ނެގިޔަސް، ސަޕޯޓް ދިނުމަށް އެމެރިކާ ތައްޔާރަށް އޮތްކަމަށް އެންތަނީ ބްލިންކެން، ރަޝިޔާގެ ޚާރިޖީ ވަޒިރު ލަވްރޯފްގެ ގާތުގައި ދެންނެވި ކަމަށެވެ.
ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ރަޝިޔާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މިއީ، އެތައްމަހެއް ފަހުން، އެމެރިކާއާއި ރަޝިޔާގެ މިފެންވަރުގެ އޮފިޝަލުން ސީދާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ޖީ20 ސަމިޓަށް ވަޑައިގެންނެވި ނަމަވެސް، ދެގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ނުވާކަމަށް އެމެރިކާއާއި ރަޝިޔާއިންވެސް ކުރިން ބުނެފައި ވެއެވެ.
ޔޫރަޕާއި، އެމެރިކާ އަދި ޖީ20 ގައި ހިމެނޭ މުއްސަނދި ހުރިހާ ގައުމެއްގެ ޚާރިޖީ ވަޒީރުން އިންޑިއާއަށް ވަޑައިގެންފައިވާއިރު، ޖީ20 ގެ މިއަހަރުގެ ރިޔާސަތު ބަލަހައްޓާ ގައުމަކީ އިންޑިއާއެވެ.
އެހެން ނަމަވެސް، އިންޑިއާއާއި ރަޝިޔާއާ ދެމެދު އޮންނަ ގާތް ގުޅުމުގެ އަސަރު ސަމިޓަށްވަނީ ކޮށްފައެވެ.
ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރި މައްސަލަ އިންޑިއާއިން ސީދާގޮތެއްގައި ކުށްވެރި ކޮށްފައި ނުވާއިރު، ރަޝިޔާއިން ހަތިޔާރާއި ތެޔޮ އެންމެ ގިނައިން ގަންނަ އެއް ގައުމަކީ އިންޑިއާއެވެ.
ޖީ20 ޚާރިޖީ ވަޒީރުންގެ ސަމިޓް ފެށުމުގެކުރިން އެތައް ގައުމަކުންވަނީ، ރަޝިޔާ ސިފައިން ޔޫކްރެއިނުން ފޭބުމަށް ބާރުއެޅުމަށް އިންޑިއާއަށް ގޮވާލާފައެވެ. ހަމަ އެއާއެކު، ސަމިޓަށް ވަޑައިގެންނެވި ޚާރިޖީ ވަޒީރުންވެސް ގެންދަވަނީ އެކަމަށް ބާރުއަޅުއްވަމުންނެވެ.
މިއަދުގެ ސަމިޓް އިފްތިތާހް ކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
މޯދީގެ އިފްތިތާހީ ތަގްރީރުގައި، ދުނިޔެއަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި، މޫސުމީ މައްސަލަތަކާއި، ބަލިމަޑުކަން، ޓެރަރިޒަމް އަދި ހަނގުރާމަތައް ހުއްޓުވުންފަދަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގައި ދުނިޔެ ފެއިލްވެފައިވާ ވިދާޅުވެ އެކަން ކުށްވެރި ކުރެއްވިއެވެ.