ދުނިޔެދުށް އެންމެ މޮޅު އަދި އެންމެ މަގުބޫލު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާއާއި ޕީއެސްޖީގެ ތަރި، ލިއޮނެލް މެސީ މަރާލާނެކަމުގެ އިންޒާރުދީފިއެވެ.

އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެސީއަށް މަރުގެ އިންޒާރުދީފައިވަނީ، އާޖެންޓީނާގެ ސުޕަމާކެޓަކަށް ހަތިޔާރާއެކު ވަތް ދެ މީހެކެވެ. ސުޕަމާކެޓު ތެރޭގައި ތިބެގެން އެ މީހުން ބަޑި ޖަހާފައިވާ ކަމަށާއި، ބަޑީގެ ވަޒަންތައް އަރައި، ސުޕަމާކެޓަށް ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނުކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ސުޕަމާޓަކީ، މެސީގެ އަންހެނުން، އެންޓޮނެލާގެ އާއިލާއިން ހިންގަމުން އަންނަ ސުޕަމާކެޓެކެވެ. މި ސުޕަމާކެޓުގެ ތެރޭގައި ތިބެގެން 14 ފަހަރެއްގެ މަތިން ބަޑިޖަހާފައިވާކަމަށް އާޖެންޓީނާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ސުޕަމާކެޓުތެރެއަށް ވަދެ ބަޑިޖެހުމަށްފަހު އެ ދެ މީހުން ނުކުމެގެންދިޔައީ "ނޯޓެއް" ހަރުކުރުމަށްފަހުކަމަށްވެއެވެ. މެސީ މަރާލާނެކަމަށް ބުނެފައިވަނީ އެ ނޯޓުގައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މީގެއިތުރުން މެސީއަތުން ފައިސާ ހޯދުމަށް ވެސް އެ ދެ މީހުން ޑިމާންޑުކޮށްފައިވާކަމަށްވެއެވެ.

މި ސުޕަމާކެޓަކީ މެސީ އާޖެންޓީނާގައި ދިރިއުޅޭގެ ހުންނަ، ރޮޒާރިއޯ ސިޓީގައި ހުންނަ ތަނެއްކަމަށްވެއެވެ.

ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދި، އަދި މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން މެސީއަށް، ވޯލްޑް ކަޕުގެ ކުރިން ވެސް މަރުގެ އިންޒާރުދީފައިވެއެވެ.

މެސީއަށް މަރުގެ އިންޒާރުދިން މައްސަލަ އަދި ސުޕަމާކެޓަށްވަދެ ބަޑިޖެހި މައްސަލަ ރޮޒާރިއޯ ސިޓީގެ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.