- އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ޖޮހޯރް ސްޓޭޓަށް
މެލޭޝިޔާއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، 27،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މެލޭޝިޔާގެ ޖޮހޯރް، ޕަހަންގް، ނެރެގި ސެމްބިލަން އަދި މަލަކާ ސްޓޭޓަށެވެ.
މެލޭޝިޔާއަށް ކުރިމަތިވެފައިވަނީ މޫސުމީ ވިއްސާރައެވެ. މި ދުވަސްވަރު ދިމާވަނީ ނޮވެމްބަރުން ފެށިގެން މާޗްމަހާ ދެމެދުގައެވެ.
މެލޭޝިޔާގެ ރަސްމީ ނޫސް އޭޖެންސީ، ބަރްނަމާއިން ބުނެފައިވަނީ، ގެއްލުން ލިބުނު ސްޓޭޓްތަކުގެ ތެރެއިންވެސް އެންމެ ބޮޑު ގެއްލުންތަކާ ކުރިމަތިވެފައިވަނީ ޖޮހޯރަށް ކަމަށެވެ.
އެ ސްޓޭޓުން ބުރާސްފަތި ދުވަހު އެކަނިވެސް 25،000 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށް ބަރްނަމާއިން ބުނެއެވެ.
ޕަހަންގް ސްޓޭޓުން ހާހަކަށްވުރެ ގިނަމީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި ވެއެވެ.
ނެގެރި ސެމްބިލަން ސްޓޭޓުން 700 އެއްހަ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ވާއިރު، މަލަކާއިން ހާލުގައި ޖެހުނީ 67 މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފެންބޮޑުވުމުގެ ސަބަބުން ގެދޮރު ހަލާކުވެ ނުވަތަ ގެތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެކި ހިސާބުތަކުގައި ރިލީފް ސެންޓަރުތައް ގާއިމްކޮށް އެތައް ސަތޭކަ އާއިލާއެއް ބަދަލުކޮށްފައިވާ ކަމަށް ޖޮހޯރް ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީން ބުނެފައި ވެއެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ޖޮހޯރް ސްޓޭޓްގެ 10 ޑިސްޓްރިކްޓަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޖޮހޯރް ސްޓޭޓުން ހާލުގައި ޖެހިފައިވާ މީހުންނަށް ޓެންޓާއި، ކާބޯތަކެއްޗާއި ބޯފެން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވުމަށް ޖޮހޯރް ސްޓޭޓްގެ ޗީފް މިނިސްޓަރ އޫން ހާފިޒް ޣާޒީވަނީ ހުރިހާ އިދާރާތަކަށް އަމުރު ކުރައްވާފައެވެ.
މެލޭޝިޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ، ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ހުކުރު ދުވަހުގެ ރެއާ ހަމައަށް ޖޮހޯރް ސްޓޭޓަށް ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކޮށްފައެވެ.
މެލޭޝިޔާ ސަރުކަރުގެ ޑްރެއިނޭޖް އެންޑް އިރިގޭޝަން ޑިޕާޓްމަންޓުން ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޖޮހޯރް ސްޓޭޓުގެ 16 ކޯރެއްގެ ފެންގަނޑު ނުރައްކާތެރި މިންވަރަކަށް އުފުލިފައިވާ ކަމަށެވެ.
މީގެ ތިންމަސް ކުރިންވެސް މެލޭޝިޔާއަށް ބޯކޮށް ވާރޭވެހި، ޖޮހޯރް ސްޓޭޓް ހިމެނޭގޮތުން، އެތައް ސްޓޭޓެއްގައި ފެންބޮޑުވެ، ހަތްދިހަ ހާހަށްވުރެ ގިނަމީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވުނެވެ.