ކުރިއަށް އޮތް ގުރައިދޫ ދާއިރާ މަޖިލިސް ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއއްވާ ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރާނެކަން އެޕާޓީން ހާމަކޮށްފިއެވެ.
އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް މިމަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީއަށް ކުރިމަތިލި މެންބަރުންގެ ނަންތައް އާއްމުކޮށް އަންގާ އިއުލާންކޮށްފައެވެ.
ލިސްޓު ތަރުތީބުކުރެވިފައި މިވަނީ ކެންޑިޑޭޓު ނަމްބަރ ތަރުތީބުންނެވެ.
- މުޙައްމަދު މުސްތަފާ – ވިވިޑް / ކ. މާފުށި
- ސަލްމާން ރަޝީދު – މާފަރިވާގެ / ކ. މާފުށި
- އިބްރާހިމް ޝާޒް – ފައިވްރޯޒް / ކ ގުރައިދޫ
- އަބްދުﷲ ސައީދު – ވެލި / ކ. ގުރައިދޫ
މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި މިވަނީ، އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. ރިޒާ އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.
ރިޒާ އަކީ 19ވަނަ ރައްޔިތުންގެ މަޖިލީހަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިރާއެއްގެ ގޮނޑިއެއް ހުސްވެ، އެ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، އެންމެފަހުން މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެފަހަރު ބާއްވާފައިވަނީ، ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. އެއީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެންމެފުރަތަމަ އިންތިޚާބުވި، މެމްބަރު ހުސެއިން ވަހީދު، 2021 ވަނަ އަހަރުގެ ފަހުކޮޅު އަވަހާރަވުމާ ގުޅިގެންނެވެ.
ބައި އިލެކްޝަން ކާމިޔާބުކުރައްވައި، މިހާރު މަޖިލީހުގައި ކޮމަންޑޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ އެމްޑީޕީގެ ޓިކެޓުގައި އެ ގޮނޑި ކާމިޔާބުކުރެއްވި، މުހައްމަދު ރާޝިދުއެވެ.