އިސްރާއީލުގެ ސަލާމަތީ ބާރުތަކާއި، ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަން އިއްތިހާއަށް މައްޗަށް ގޮސްފައިވާ މި ދަނޑިވަޅުގައިވެސް، ފަލަސްތީނުގެ 70،000 އަށްވުރެ ގިނަ މީހުން ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގައި މިއަދުގެ ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފިއެވެ.
މަސްޖިދުލް އަގްސާއަށް ހުކުރު ނަމާދަށާއި، އެހެން ނަމާދުތަކަށް ދެވެނީ، އިސްރާއީލު ސިފައިން ޖަހާފައިވާ ޗެކްޕޮއިންޓްތަކުން ޗެކް ކުރުމަށް ފަހުއެވެ. އެގޮތުންވެސް، މިސްކިތަށް ދެވެނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށާއި ކުޑަކުދިންނަށް އެކަންޏެވެ.
ޚާއްސަކޮށް އަގްސާ މިސްކިތަށް ހުކުރު ނަމާދަށް ދިއުމަށް ފަލަސްތީނު މީހުން ވަރަށް ދުރާލާ ކިޔޫގައި ޖެހެއެވެ. އެއީ، ކުރިން މިސްކިތަށް ދިއުމަށެވެ.
މިއަދުގެ ހުކުރު ނަމާދަށް 70،000 އަށްވުރެ ގިނަ މީހުން ހުކުރަށް ދިޔައިރު، މިއަދުގެ ފަތިސް ނަމާދަށްވެސް އަގްސާ މިސްކިތަށް ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނޭގޮތުން އެތައްހާސް ބަޔަކު ދިޔައެވެ. އަދި އިސްރާއީލުގެ އިސްތިއުމާރުން އަގްސާ މިސްކިތް ދިފާއުކުރާނޭ ކަމަށްވެސް އަހުދުވިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން މިދިޔަ ހަފްތާގައި ފަލަސްތީނުގެ އަވަށެއް އެއްކޮށް ހުޅުޖަހައި އަންދައި، ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށް، 300 އެތައްމީހުން ޒަޚަމް ކޮށްލާފައި ވާއިރު، އިސްރާއީލުގެ އުދުވާނީ ސިފައިން ރޭގައިވެސްވަނީ ޤަލްޤިލިއާގެ އަޒޫން އަވަށުގައި، ފަލަސްތީނުގެ އުމުރުން 15 އަހަރުގެ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލާފައެވެ. އިސްރާއީލު ސިފައިން ބަޑި ޖަހާފައިވަނީ އޭނާގެ ބުރަކަށްޓަށެވެ.