ފިލިޕީންސްގައި، އެ ގައުމުގެ ޕްރޮވިންސެއްގެ ގަވަރުނަރަކާއި، އިތުރު ފަސް މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ގޮތް ނޭނގޭ ބަޔަކު ދިން މިހަމާލާގައި މަރާލާފައިވަނީ އެ ގައުމުގެ މެދުތެރޭ ޕްރޮވިންސެއްގެ ގަވަރުނަރަކާއި އޭނާގެ އޮފީހުގައި މަސައްކަތްކުރާ ފަސް މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހަމަލާއަކީ ފިލިޕީންސްގައި ސިޔާސީ ފަރާތްތަކާ ދެކޮޅަށް ދެމުން އަންނަ ސިލްސިލާ ހަމަލާތަކަށް އިތުރުވި ބޮޅެއް ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ނެގްރޯސް އޮރިއެންޓަލް ޕްރޮވިންސްގެ ގަވަރުނަރު ރޮއެލް ޑެގަމޯއަށް ހަމަލާދިނީ ޕަމްޕްލޯނާގައި ހުންނަ އޭނާގެ އޮފީހަށް ހަތިޔާރާއެކު ވަތް ހަ މީހެއްގެ ތެރެއިން މީހަކު ކަމަށާއި، އެމީހުން ތިބީ ސިފައިންގެ ޔުނީފޯމާ ދާދި އެއްގޮތް ހެދުމެއް އަޅައިގެންކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ރައީސް ފާޑިނަންޑް މާކޯސްވަނީ މި ހަމަލާ ކުށްވެރިކުރައްވައި، މަރުވި މީހުންނަށް އަވަސް އިންސާފު ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ޕަމްޕްލޯނާގެ މޭޔަރުކަން ކުރައްވާ ޖެނިސް ޑެގަމޯވެސްވަނީ ގަވަރުނަރަށް ދިން އެހަމަލާ ކުށްވެރިކުރައްވާފައެވެ.

"ގަވަރުނަރު ޑެގާމޯއަށް އެހާ ރަހުމުކުޑަ މަރެއް ހައްގު ނޫން. ހޮނިހިރު ދުވަހެއްގައި އޮފީހުގައި ހުންނެވީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން،" ޕަމްޕްލޯނާގެ މޭޔަރުކަން ކުރައްވާ ޖެނިސް ޑެގަމޯ ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އެގައުމުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިހާދިސާގައި ހަ މީހުން މަރުވިއިރު، ޒަހަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ހާލު ނޭނގޭ ކަމަށެވެ.

އުމުރުން 56 އަހަރުގެ ޑެގާމޯއަކީ ފިލިޕީންސްގައި ސިޔާސީ ފަރާތްތަކަށް އަމާޒުކޮށް ދެމުން އަންނަ ސިލްސިލާ ހަމަލާތަކުގެ ތެރެއިން މިދިޔަ އަހަރުގެ ލޯކަލް އިންތިހާބަށް ފަހު ބަޑި ޖަހައި މަރާލި ތިން ވަނަ ސިޔާސީ ޝަހުސިއްޔަތެވެ.