ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޯކާ 27 އަހަރަށް ޖަލަށްލާން އިއްޔެ ހުކުމްކުރުމުން، ދުނިޔޭގެ ގައުމުތަކުގެ ނުރުހުން ކެމްބޯޑިއާ ސަރުކާރަށް ކުރިމަތިވެއްޖެއެވެ.
ދުނިޔޭގެ އެތައް ގައުމަކުން ވަނީ އެކަން ކުށްވެރިކޮށް، ނުރުހުން ފާޅުކޮށްފައެވެ.
މިކަމަށް ރައްދުދެމުން ކެމްބޯޑިއާ ސަރުކާރުންވަނީ، އެގައުމުގެ ސިޔާސީ ކަންކަމާ ބޭރުގެ ގައުމުތަކުން ނުބެހުމަށް ގޮވާލާފައެވެ.
ކެމްބޯޑިއާގެ އިދިކޮޅު ޕާޓީ، ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީގެ އެއް ފައުންޑަރ، އުމުރުފުޅުން 69 އަހަރުގެ ކެމް ސޯކާގެ މައްޗަށް ސާބިތުވި ކުށަކީ، ބޭރުގެ ބާރުތަކާ ގުޅިގެން ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެންގެ ސަރުކާރު ވައްޓާލަން ރޭވުމުގެ ކުށެވެ.
ނަމަވެސް، ކެމް ސޯކާ، މި ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވާފައެވެ.
އެމެރިކާއިން ބުނެފައިވަނީ، މިއީ "އަދުލުއިންސާފު ބައިގެންދިއުމުގެ" އަމަލެއް ކަމަށާއި، އިދިކޮޅު ލީޑަރުގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ ދުރާލާ ރާވާފައިވާ ރޭވުމެއްގެ ތެރެއިން ކަމަށެވެ.
އިދިކޮޅު ލީޑަރުގެ މައްޗަށް އިއްވި ހުކުމް، އދއާއި، ޔޫރަޕްގެ އިއްތިހާދު، ފްރާންސް، އޮސްޓްރޭލިއާ، އިނގިރޭސިވިލާތުންވެސް ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ނަމަވެސް، ކެމްބޯޑިއާ ސަރުކާރުގެ ޚާރިޖިއްޔާއިންވަނީ، އެ ގައުމުތަކަށް ނުރުހުން ފާޅުކޮށް، ފާޑުކިޔާފައެވެ.
އިދިކޮޅު ލީޑަރުގެ މައްޗަށް ހުކުމް ކުރުމުގެ ފަހަތުގައި ސިޔާސީ އެއްވެސް މަގްސަދެއް ނެތްކަމަށްވެސް ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އިދިކޮޅު ލީޑަރު ޖަލަށްލުމުން، އެކަން ކުށްވެރި ކުރި ގައުމުތަކަށް ނިސްބަތްކޮށް ބަޔާނުގައި ބުނެފައިވަނީ، އެއީ، ކެމްބޯޑިއާއާ ދެކޮޅުވެރި އަދި ތިމާމެންނަކީ މާ މަތިވެރި ބައެއްކަމަށް ދެކޭ ގައުމުތައް ކަމަށެވެ.
ޚާރިޖިއްޔާއިން ބުނެފައިވަނީ، އިދިކޮޅު ލީޑަރުގެ ޝަރީއަތް ކުރިއަށް ގެންދެވުނީ އެތެރެ ފެންނަގޮތެއްގައި ކަމަށާއި، ހުކުމް އިއްވީ ކާފީ ހެކީގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އިދިކޮޅު ލީޑަރު 27 އަހަރަށް ޖަލަށްލިއިރު، ކެމްބޯޑިއާ ތައްޔާރުވަމުންދަނީ ޖުލައިމަހު އާންމު އިންތިޚާބު ބޭއްވުމަށެވެ.
ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، އާންމު އިންތިޚާބު، މިނިވަން، އިންސާފުވެރި އަދި އެތެރެފެންނަ ގޮތެއްގައި ބޭއްވުމަށް ކެމްބޯޑިއާ ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.
އިދިކޮޅު ލީޑަރު ކެމް ސޯކާގެ މައްޗަށް އިއްވި ހުކުމާއެކު، އޭނާ ވަގުތުންވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.
ހުކުމް އިސްތިއުނާފް ކުރަން އިދިކޮޅު ލީޑަރަށް އެއްމަސް ދުވަހުގެ މުހުލަތު ލިބިދެއެވެ.
އޭނާ ގޭ ބަންދަށް ބަދަލުކުރުމަށްފަހު، އާއިލާ މެމްބަރުން ފިޔަވައި، އެހެން ބަޔަކާ ވާހަކަ ދެއްކުންވަނީ މަނާކޮށްފައެވެ.
ކެމް ސޯކާގެ އަންހެން ދަރިފުޅު ބުނެފައިވަނީ، އޭނާގެ މައިންބަފައިންގެ ފޯނުގެ ޚިދުމަތާއި، އިންޓަރނެޓުގެ ޚިދުމަތްވެސް ކަނޑާލާފައިވާ ކަމަށެވެ.