މިރޭގެ ވަގުތެއްގައި ހަނދު ކައުބަތުﷲ ގެފުޅާ ސީދާވާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކައިފިއެވެ.
ފަލަކީ އިލްމުވެރިން ބުނާ ގޮތުންނަމަ، މިރޭ ރާއްޖެ ގަޑިން 12:43 ގައި ހަނދު ހުންނާނީ ކައުބަތުﷲ ގެފުޅާ ދިމާ މަތީގައެވެ.
ހަނދު ހުންނާނީ ގެފުޅުން ފެށިގެން 405,368 ކިލޯމީޓަރު އުހުގައެވެ. މިރޭ ހަނދު ގެފުޅާ ސީދާވާ ވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންނަށް ޤިބްލަ ހުންނަ ދިމާ ސާފު ވާނެއެވެ.
ރާއްޖެއަށް ހަނދު އޮއްސޭނީ މެންދަމު 3:55 ގައެވެ.
މިއީ ކޮންމެ އަހަރަކު އެއްފަހަރު ފެންނާނެ މަންޒަރެކެވެ.
ދުނިޔޭގެ ކޮންމެ ބިތެއްގައިވިޔަސް މުސްލިމުން ނަމާދުކުރުމުގައި މާތްވެގެންވާ މައްކާގައިވާ ބައިތުލް ޙަރަމް ނުވަތަ ކައުބަތު ﷲ ގެފުޅަށް ކުރިމަތިލައެވެ. އަދި ހައްޖު ނުވަތަ އުމްރާއަށް ދިޔުމުގެ ނަސީބު މާތް ﷲ މިންވަރުކުރެއްވި ކޮންމެ މީހަކަށް އެގެފުޅުގެ ވަށައިގެން ކުރެވޭ ޠަވާފުގެ އަޅުކަން ފެންނާނެއެވެ.
މުސްލިމުން ޙައްޖާއި ޢުމްރާގައިވެސް މާތްވެގެންވާ ގެފުޅު ވަށައިގެން ޠަވާފުގެ ހަތްބުރު ޖަހައެވެ.
ހަޖަރުލް އަސްވަދާ ދިމާއިން ފަށައި، ބުރު ފުރިހަމަކޮށް ހަޖަރުލް އަސްވަދާ ދިމާއަށް ބުރު ނިންމާ ގޮތަށެވެ. މި ޠަވާފު ކުރަނީ ގަޑީގެކަށި އެނބުރޭ މިސްރާބާ އިދިކޮޅަށެވެ. ނުވަތަ އިނގިރޭސިން ބުނާ ނަމަ "އެންޓި ކްލޮކް ވައިސް"އަށެވެ. އެއީ މިކައުނުގައިވާ އެންމެ ކުޑަ ޒައްރާއިން އެންމެ ބޮޑު ޒައްރާއާ ހަމައަށް ހުރިހާ އެއްޗެއްވެސް އެނބުރޭ މިސްރާބެވެ.
އިރު ވަށައިގެން ދުނިޔެ ދަތުރުކުރަނީ އަދި ދުނިޔެ ވަށައިގެން ހަނދު ދައުރުކުރަނީވެސް އެމިސްރާބަށެވެ.
މި މައުލޫމާތު ލިއުއްވި ބޭފުޅަކަށް ވަރަށްބޮޑަށްޝުކުރިއްޔާ
މައުލޫމާތު މުއްސަނދި ލިޔުމެއް. ޖަޒާކަﷲ އަޚީ.
ވަރަށް މޮޅު ލިޔުމެއް.