ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ ޗެއަރމަން ކަމުގެ މަގާމުން ޕްރޮފެސަރ ޖީއެލް ޕީރިސް (ގާމިނީ ލަކްޝްމަން ޕީރިސް) ވަކިކުރަން އެ ޕާޓީން ނިންމައިފިއެވެ.
މިކަން ނިންމާފައިވަނީ އެސްއެލްޕީޕީގެ އެގްޒެކެޓިވް ކޮމިޓީންނެވެ.
އެސްއެލްޕީޕީގެ ޖެނެރަލް ސެކްރެޓަރީ ސަގަރަ ކަރިޔަވަސަން ވިދާޅުވީ، ޕާޓީގެ ޗެއަރމަންކަމުގެ މަގާމުން ޖީއެލް ޕީރިސް ވަކިކުރަން ނިންމީ، އެގްޒެކެޓިވް ކޮމިޓީގެ އިއްތިފާގުން ކަމަށެވެ.
ސަގަރަ ކަރިޔަވަސަން ވިދާޅުވީ، އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގަތުމަށް ޗެއަރމަން ޖީއެލް ޕީރިސްއަށް ލިޔުމުން ދެންނެވި ކަމަށާއި، ނަމަވެސް ޖަލްސާއަށް ވަޑައިނުގަންނަވާ ކަމަށެވެ.
ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީގެ ޗެއަރމަން ކަމުގެ މަގާމުން ޕްރޮފެސަރ ޖީއެލް ޕީރިސް ވަކިކުރަން ނިންމި ސަބަބެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް، އެސްއެލްޕީޕީގެ ތެރެއިން 3 ފެކްޝަނެއް އުފެދިފައިވާއިރު، ޕީރިސް ހުންނެވީ އޭގެތެރެއިން ފެކްޝަނެއްގައެވެ.
3 ފެކްޝަނަކަށް ޕާޓީ ބެހިގެން ދިޔަނަމަވެސް، ސްރީލަންކާގެ ޕާލަމެންޓުގެ އަޣުލަބބިއްޔަތު އަދިވެސް އޮތީ އެސްއެލް ޕީޕީއަށެވެ.
ޕްރޮފެސަރ ޖީއެލް ޕީރިސްއަކީ މަހިންދަ ރާޖަޕަކްސައާއި، ރާޖަޕަކްސަ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އަދި ޕްރޮފެސަރ ޖީއެލް ޕީރިސް ފެނިގެންގޮސްފައިވަނީ، ސްރީލަންކާއަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައިވެސް، މަހިންދަ ރާޖަޕަކްސައަށް ވަފާތެރިކަމުގައި ދެމިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.
ޕްރޮފެސަރ ޖީއެލް ޕީރިސްއަކީ މިހާރުވެސް ސްރީލަންކާގެ ޕާލަމެންޓުގެ މެމްބަރެކެވެ. އޭނާ ސްރީލަންކާގެ ޕާލަމެންޓަށް އެންމެ ފުރަތަމަ އިންތިޚާބުވެވަޑައި ގެންނެވީ 1994 ވަނަ އަހަރުއެވެ.
ޕްރޮފެސަރ ފީރިސް މީގެކުރިންވަނީ، ސްރީލަންކާގެ ޚާރިޖީ ވަޒީރުކަން ދެ ފަހަރެއްގެމަތިން ކުރައްވާފައެވެ. އަދި މިނިސްޓަރ އޮފް އެޑިއުކޭޝަން ކަމާއި، މިނިސްޓަރ އޮފް ޖަސްޓިސްކަންވެސް ކުރިން ކުރައްވާފައި ވެއެވެ.
2022 ވަނަ އަހަރު 4 ވަރަކަށް މަސްވަންދެން ސްރީލަންކާގެ ސްޓޭޓް މިނިސްޓަރ އޮފް ޑިފެންސްގެ މަގާމުވެސް އޭނާ ފުރުއްވާފައި ވެއެވެ.