މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ކުލަގަދަކޮށް މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާ ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓާއި، ކަމާގުޅުންހުރި އެހެން ފަރާތްތަކުން ތައްޔާރީތައް ވާން ފަށައިފިއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ވެގެންދިޔައީ ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރުގެ ދާއިރާއަށް ހާއްސަކޮށް ސަރުކާރުގެ އިސްނެގުމުގެ މަތިން ބޭއްވި ފުރަތަމަ އެވޯޑް ހަފުލާއަށެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން އަމާޒުހިފާފައިވަނީ އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ބޭއްވި އެހަފުލާގެ ތަޖުރިބާއާއެކު އެއަށްވުރެ ފުރިހަމަ، ކުލަގަދަ ހަފުލާއެއް ބޭއްވުމަށެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023 ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މާލޭގައި ފަށާފައިވާއިރު، މިކަމާ ގުޅޭ ގޮތުން "ވީނިއުސް"އާ ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފު ވިދާޅުވީ، މިފަހަރު ތަފާތުތަކެއް ފެނިގެންދާނެ ކަމަށާއި މިގޮތުން، މިމަހުގެ 16 ވަަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ހަފުލާއާ ވިދިގެން ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯވއެއް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހްމަދު މަހްލޫފް- ފޮޓޯ:- ވީނިއުސް

މިނިސްޓަރ މަހުލޫފު ވިދާޅުވީ، މިއަހަރުވެސް، ރާއްޖެއިން ބޭރުން މިހަފުލާއަށް ދާއިރާގެ ތަޖުރިބާކާރުން ދައުވަތު އެރުވިގެން ޒިޔާރަތްކުރައްވާނެ ކަމަށެވެ. މިއަހަރުގެ އެވޯޑް ނައިޓުގައިވެސް ކުރީ އަހަރެކޭ އެއްގޮތަށް ކުޅިވަރުގެ ދާއިރާއިން އެކިއެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް އެވޯޑް ދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެވޯޑް ހަފުލާގެ ތަފުސީލީ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންނާ ވަރަށް އަވަހަށް ބައްދަލުކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފުލާގައި ޖުމުލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.

އެކުވެރިކަމާއެކުގައި، ވާދަވެރި މާހައުލެއްގައި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ވާދަކޮށް، އަމިއްލަ ނަފްސަށާއި ގައުމަށްވެސް ކާމިޔާބީތަކެއް ހޯދުމަށް މިވަރުގެ އެވޯޑް ހަފުލާއެއް އޮންނާނެކަން އެނގުމަކީ ލިބޭ ބޮޑު ހިތްވަރަކަށް ވާނެއެވެ.

ގައުމީ ރޫހެއްގައި ގައުމަށް ކާމިޔާބީއެއް ހޯދުމަށް ކޮންމެ އެތްލީޓަކުވެސް މިންނެތް މަސައްކަތް ކުރާނެކަމާމެދު ޝައްކެއް ނެތެވެ. އެހެންނަމަވެސް އެ ކުޅުންތެރިންގެ އަގުވަޒަން ކުރާނެ ބަޔަކު ސަރުކާރުގައިވެސް ތިބިކަން ހާމަވެ، އެކަމަށް ހައްގުވާ ރެކޮގްނިޝަން ލިބޭނެކަން އެނގުމަކީ، އެ އެތްލީޓުން ކުރާ މަސައްކަތަށް އިތުރު ހިތްވަރަކާއި، އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމެކެވެ.

މި އެވޯޑް ވުޖޫދު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އަމާޒަކީވެސް އެއީއެވެ.