ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފިއެވެ.

މިކަމާ ގުޅޭގޮތުން "ވީނިއުސް"އަށް މައުލޫމާތުދެއްވަމުން ޑރ. މުނައްވަރު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކެންޕެއިން މަރުކަޒެއް ހުޅުވާ، އެތަނުގައި ކެންޕެއިންގެ މަސައްކަތް ވެސް ފަށްޓަވާފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އަމިއްލަ ގޮތުންކަން އޭނާ ހާމަކުރެއްވިއެވެ.

މުނައްވަރު ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް އޭނާ ނިކުންނަވާނީ ދިވެހި ރައްޔިތުންނާއެކު ކޯލިޝަނަކުން ކަމަށެވެ. އަދި އެގޮތައް ކުރިމަތިލައްވަން ނިންމެވީ، ރިޔާސީ އިންތިހާބަށް އެއް ޕާޓީ އަނެއް ޕާޓީއާއެކު ކޯލިޝަން ހަދާ، ސަރުކާރު ބަހާފައިވާތީކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.

މިގޮތައް ކޯލިޝަން ހަދައި ސަރުކާރު ބަހާލުމުން، ދިވެހި ރައްޔިތުން ބާކީވާ ކަމަށާއި، މިއީ ހުއްޓުވަންޖެހޭ ކަމެއް ކަމުގައި މުނައްވަރު ވިދާޅުވިއެވެ.

ގައުމު މިއޮތް ހާލަތުން ސަލާމަތްކުރަން ޖެހޭ، ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން ބަސް ބުނަން އެބަ ޖެހޭ.
ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު

ރިޔާސީ އިންތިހާބުގައި ގެންގުޅުއްވާ ތަސައްވަރު ހިއްސާކުރައްވަމުން މުނައްވަރު ވިދާޅުވީ، އޭނާގެ ތަސައްވަރަކީ އެއްބައިވަންތަކަމުގެ ގައުމީ ސަރުކާރެއް އެކުލަވާލުން ކަމަށެވެ. އަދި އޭނާ ގެންގުޅުއްވާ ސިޔާސަތާއި ތަސައްވަރު އިތުރަށް ތަފްސީލްކޮށް ރައްޔިތުންނާ ހިއްސާކުރެއްވުމަށްޓަކައި ޕްރެސް ކޮންފަރެންސެއް ބާއްވާނެކަން މުނައްވަރު ހާމަކުރެއްވިއެވެ.

ޑރ. މުނައްވަރަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަނައިބުގެ މަގާމު 10 އަހަރު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެފަހުން، 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން، ދުވަސްކޮޅެއްފަހުން މުނައްވަރު އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށްފަހު އެމްޑީޕީން ވަކިވެވަޑައިގެންނެވިއެވެ. އެއަށްފަހު ދެން އޭނާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް މުނައްވަރު ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިނުގަންނަވައެވެ.

ޑރ. މުނައްވަރުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.