އައްޑޫ އަތޮޅުގައި އަލަށް ހިއްކާ ފަސް ރަށާއެކު، އެ ސިޓީއަށް އައު ދިރުމެއް ގެނެސްދޭނެކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖެހިފައިވުމުން، އެކަމާ ގުޅޭގޮތުން ކުރެއްވި ޓުވީޓުތަކެއްގައެވެ.

އެގޮތުން އޭނާ ވަނީ، އެއްބަސްވުމުގައި ސޮއިކުރުން މިއަދު އޮންނާނެކަން ފާހަގަކުރައްވައި، މި މަޝްރޫޢު ނިމުމުން، އެ އެއާޕޯޓުން އަހަރަކު 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދެވޭނެކަމަށް އަންދާޒާކުރައްވާފައެވެ.

އެއަށްފަހު ކުރެއްވި ޓުވީޓެއްގައި މެމްބަރު ޝަރީފް ވިދާޅުވީ، އައްޑޫ ސިޓީގައި އަލަށް ހިއްކާ ފަސް ރަށާއި، ހަންކެނޑޭގައި ރިސޯޓެއް ގާއިމް ކުރެވުމުން އައްޑޫގެ ޓޫރިޒަމަށް އައު ދިރުމެއް ގެނެސްދޭނެ ކަމަށާއި ގެސްޓް ހައުސް އެޅުމަށް ލިބޭ އައު ހިތްވަރަކަށް ވާނެކަމަށެވެ. މިކަމުގެ ސަބަބުން އައްޑޫގައި ގެސްޓް ހައުސްގެ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު ޝަރީފް އިތުރަށް ވިދާޅުވީ، އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ނިމުނަސް، އެ އެއާޕޯޓު ރަނގަޅަށް ހިންގޭނީ ގެސްޓު ހައުސްތަކާއި ރިސޯޓުތަކުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްގެން ކަމަށެވެ.

ބެޑް ކެޕޭސިޓީ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މި ކުރާ މަސައްކަތަކީ، އައްޑޫގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

އައްޑޫ ސިޓީގައި އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު މުހިއްމު ދައުރެއް އަދާ ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.