"އަހަރެން ވަރަށް މުސްކުޅިވިޔަސް، މިއީ ގަމާރެއް ނޫން" މާރިއާ ބްރެނިއަސް މޮރޭރާ އޭނާގެ ޓްވިޓަރގައި ލިޔެފައިވެއެވެ.
އެނގޭ ހެއްޔެވެ؟ ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ނުވަތަ މުސްކުޅި މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު (ގިނިސް ވޯލްޑް ރެކޯޑް) ފޮތުގައި އޮތް ލުސިލް ރެންޑަލް، 118 ގެ މަރާއެކު މިހާރު ދުނިޔޭގެ އެންމެ ދޮށީ މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި އޮތީ މާރިއާ ބްރެނިއަސް މޮރޭރާގެ ނަމެވެ.
ލުސިލް ރެންޑަލްއަށް އެންމެ ދުވަސްވީ މީހާގެ ރެކޯޑު ލިބުނީ އޭގެ ކުރިން އެންމެ ދުވަސްވީ މީހާގެ ރެކޯޑު އޮތް ޖަޕާންގެ ކާނީ ޓަކާނާ އުމުރުން 119 އަހަރުގައި މަރުވުމާ ގުޅިގެންނެވެ.
މިހާރު ދުނިޔޭގެ އެންމެ މުސްކުޅި މިހާ ކަމަށް ބުނާ، މޮރޭރާގެ އުމުރަކީ 19 ޖެނުއަރީ 2023 ގެ ނިޔަލަށް 115 އަހަރު 321 ދުވަސް ކަމަށް ގިނިސް ވޯލްޑް ރެކޯޑްގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކުގައި ވެއެވެ.
ކެލިފޯނިއާގެ ސެން ފްރެންސިސްކޯއަށް އުފަން މޮރޭރާ އުފަންވީ، އޭނާގެ މައިންބަފައިން އެމެރިކާއަށް ހިޖުރަކުރިތާ އެއް އަހަރު ފަހުން، 4 މާޗް 1907 ގައެވެ. އޭނާގެ މައިންބަފައިންގެ އަސްލު ވަޒަނަކީ ސްޕެއިންއެވެ.
އޭގެ އަށްއަހަރު ފަހުން އެ މީހުން އެނބުރި ސްޕެއިނަށް ބަދަލުވިއެވެ.
ފާއިތުވި 22 އަހަރު އޭނާ ދިރިއުޅެފައިވަނީ އަދި އުޅެމުން އަންނަނީވެސް ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒެއްގައެވެ.
އޭނާ ހުރީ ގަދަވެ ސަލާމަތުން ރަނގަޅު ސިއްހަތެއްގައި ކަމަށް އެ މަރުކަޒުން ބުނެއެވެ.
އުމުރުން އެހާ ދުވަސްވީ ނަމަވެސް މީހުންގެ އެހީތެރިކަމާއެކު އޭނާގެ ޚިޔާލާއި ފިކުރުތައް އަދި ހަނދާންތައް ޓްވިޓަރގައި އޭނާ ދުނިޔެއަށް ހިއްސާކުރެއެވެ.