ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެކަމަށް ބުނެ، ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފިއެވެ.
އެމްޑީޕީ ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުން މިއަދު 10:15 އަށް އަޑުއެހުމެއް ތާވަލް ކޮށްފައިވާއިރު، އެމްޑީޕީން ވަނީ ސިވިލް ކޯޓުން މި މައްސަލަ ބެލުމުގެ އިހްތިސޯސެއް ނެތްކަމަށް ބުނެ ހުށަހަޅާފައެވެ. އެކަމަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން މިއަދު ވަނީ ދީފައެވެ.
މަދަނީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެކަމަށް ބުނެ އިހްތިސާސްއާމެދު ސުވާލު އުފައްދައިފިނަމަ، އެކަމާމެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެއެވެ. އަދި އެއަށްފަހު އެކަމާމެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދި ތިން ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، އޭގެތެރެއިން އެއް މައްސަލަ ކޯޓުން ވަނީ ބަލައިގަނެފައެވެ.
މިމައްސަލަ ކޯޓަށް ހުށަހެޅި ތިން ފަރާތެއްގެ ވަކީލަކީ ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދުއެވެ.
މި މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި 39،000 މެމްބަރުން އުނިކުރީ، ޕާޓީން މެމްބަރުން ވަކިކުރަން ޖެހޭ އުސޫލާއި އެއްގޮތައް ނޫންކަމަށް ކަނޑައަޅައިދޭން އެދުނު ނަމަވެސް އެމްޑީޕީންވަނީ މީގެ ކުރިން މި ތުހުމަތު ދޮގުކޮށްފައިވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާއިރު، ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ސޯލިހަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައެވެ. އަދި އެ ޕާޓީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ވެސް ރައީސް ސޯލިހަށް ދީފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހުގެ ސަބަބުން އެމްޑީޕީއާއި ޑީއާރްޕީން މައްސަލަ ސިވިލް ކޯޓަށް ވެއްދިއެވެ. އެހެންނަމަވެސް ޕާޓީގެ މެންބަރުން ކަނޑައަޅާނީ އިނގިލީގެ ނިޝާނާއެކު އޮތް ފޯމަކުންކަމަށް އިލެކްޝަނުން ނިންމާފައިވާތީ ސިވިލްކޯޓުން ވަނީ ޤާނޫނާ ޚިލާފަށް އެކަން ކޮށްދެވެން ނެތްކަމަށް ބުނެފައެވެ. އަދި ފަހުން ހައިކޯޓުންވަނީ ސިވިލްކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.