ބަނގްލަދޭޝްގައި، ރޮހިންގާ މުސްލިމް ރެފިއުޖީން ދިރިއުޅޭ ކޭމްޕެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާގައި، ރެފިއުޖީން ދިރިއުޅޭ ޖިފުޓިތައް އަނދައި ހުލިވުމުގެ ސަބަބުން އެތައްހާސް ރެފިއުޖީން ދިރިއުޅޭނެ ތަނެއްނެތި މަގުމަތިވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އަލިފާނުގެ ހާދިސާގެ ސަބަބުން 2،000 ޖިފުޓިވަނީ އަނދާ ހުލިވެފައެވެ.

ނަމަވެސް، އަލިފާނުގެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލުނުކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ބަނގްލަދޭޝްގެ ކޮޒް ބާޒާރުގައި ހަދާފައިވާ ރޮހިންގާ ރެފިއުޖީ ކޭމްޕްގައެވެ.

އަލިފާނުގެ ހާދިސާ ހިނގީ ކީއްވެގެންކަމެއް އަދި ސާފެއްނުވެއެވެ.

ޖެހިގެންއޮތް މިޔަންމާގެ ސިފައިންނާއި، ބުދިސްޓުންގެ އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން، ފާއިތުވި އަހަރުތަކުގައި މިލިއަނެއްހާ ރޮހިންގާ މުސްލިމުން ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝްއަށް ހިޖުރަ ކޮށްފައި ވެއެވެ.

މިޔަންމާ ސިފައިން މުސްލިމުން މަރައި، ގެތަކާއި، މިސްކިތްތަކާއި، އަވަށްތަކުގައި ހުޅުޖަހަން ފެށުމުން 2017 ވަނަ އަހަރު އެކަނިވެސް 740،000 މުސްލިމުން ފުރާނައިގެ ސަލާމަތަށް، ފިލައިގެން ބަނގްލަދޭޝްއަށް އެތެރެވިއެވެ.

އދއާއި، އެމެރިކާއިން ހިންގި ތަހުގީގުތަކަށްފަހު ނެރުނު ރިޕޯޓްތަކުގައި ބުނެފައިވަނީ، މިޔަންމާ ސިފައިން ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ގަތުލުއާންމު ހިންގާފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ މުސްލިމް ނަސްލު އެއްކޮށް ނެތިކޮށްލުމުގެ ނިޔަތުގައި ކަމަށްވެސް ބުނެފައި ވެއެވެ.

2021 ވަނަ އަހަރު މިޔަންމާގެ އަސްކަރީން އިނގިލާބު ގެނެސް، ސަރުކާރު ވައްޓާލުމާ ގުޅިގެން މިޔަންމާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ރެފިއުޖީންގެ ގޮތުގައި ބަނގްލަދޭޝްއަށް ގޮސްފައިވާ މީހުން އަނބުރާ މިޔަންމާއަށް ފޮނުވުމުގެ މަސައްކަތްވެސް އޮތީ ހުއްޓިފައެވެ.

މިޔަންމާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަނީ ރާޚައިން ސްޓޭޓްގައެވެ.

އެހެން ނަމަވެސް، ރޮހިންގާ މުސްލިމުންނަކީ މިޔަންމާގެ ރަށްވެހީންކަމަށް އެގައުމުން ގަބޫލެއް ނުކުރެއެވެ. އެކަމާހެދި، ސިއްހީ ޚިދުމަތާއި، ތައުލީމު އުނގެނުންފަދަ އަސާސީ ޚިދުމަތްތަކުންވެސް މުސްލިމުން ތިބެނީ މަހްރޫމް ކޮށްފައެވެ.