ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނީ މި މަހުގެ 19 ވަނަ ދުވަހުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

މިކަމާގުޅިގެން ފިނޭން މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ފޮނުވި މާލިއްޔަތު ސާކިއުލާގައި، މިމަހުގެ 19 ވަނަ ދުވަހު ރޯދަ މަހުގެ އިނާޔަތްދޭން ޖެހޭކަމަށް ބުނެފައިވާއިރު، އިނާޔަތް ދިނުމުގައި ސަރުކާރުގެ އޮފީސްތަކުން އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

އެގޮތުން ބައެއް މުވައްޒަފުންނަކީ ދައުލަތުގެ އެއް އިދާރާއަށްވުރެ ގިނަ އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށްވާތީ، އެފަދަ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދޭއިރު، އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހުން އެކަނި ރޯދަ އެލަވަންސް ދޫކުރުމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، ރޯދަމަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، ޕޭ ލީވް ސްކޮލަޝިޕްގައި ތިބޭ މުވައްޒަފުންނާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުން، ރޯދަ އެލަވަންސް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށެވެ. ނަމަވެސް އެފަދަ މުވައްޒަފަކު ރޯދަ މަހު އޮފީހަށް ހާޒިރުވެއްޖެނަމަ، އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެ މުވައްޒަފަކަށް އެ އަދަދަށް ރޯދަ އިނާޔަތް ދިނުމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ސަރުކާރުން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާގޮތުން، މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެެވެ.

ވަޒީފާ އަދާކުރާ މުސްލިމު ކޮންމެ މުވައްޒަފަކަށް ރޯދަމަސް ފެށުމުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމެކެވެ.