ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަގްރީރުތަކާއި، ޕްރެސް ކޮންފަރެންސްތައް ޓީވީ ޗެނަލްތަކުން ދުރަށް ދެއްކުން ޕާކިސްތާނު ސަރުކާރުން މަނާކޮށްފިއެވެ.
މިކަން މަނާކުރި މައިގަނޑު ސަބަބެއް ކަމަށް ބުނަނީ، އިމްރާން ޚާންގެ ތަގްރީރުތަކުގައި ދައުލަތުގެ މުއައްސަސާތަކަށް ބަހުގެ ހަމަލާތައް ދެއްވުމާއި، ނަފްރަތު އުފެދޭ ޒާތުގެ ވާހަކަފުޅުތައް ދެއްކެވުމެވެ.
ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން، އިމްރާން ޚާންގެ ތަގްރީރުތަކާއި، ނިއުސް ކޮންފަރެންސްތައް ޓީވީތަކުން ދުރަށް ދެއްކުން މަނާކުރީ، ލާހޯރު ސިޓީގައި އިމްރާން ޚާން އިއްޔެ ދެއްވި ތަގްރީރެއް، ޕާކިސްތާނު ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖްވާއަށް ބަހުގެ ހަމަލާތަކެއް ދެއްވުމާ ގުޅިގެންނެވެ.
އިމްރާން ޚާންގެ ތަގްރީރުގައި ވިދާޅުވީ، އޭނާ ބޮޑުވަޒީރުކަމުން ދުރުކުރުމުގެ ފަހަތުގައި ހުންނެވީ ގަމަރް ޖާވިދް ބަޖްވާ ކަމަށެވެ.
ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައިވަނީ، އިމްރާން ޚާން، ދައުލަތުގެ މުއައްސަސާތަކާއި، އޮފިސަރުންނާ ގުޅޭގޮތުން ސާބިތު ނުހިފޭ ވާހަކަފުޅުތައް ދެއްކެވުމުގެ ސަބަބުން، އާންމު ސުލްހައާއި ހަމަޖެހުމަށް އެކަމުން ނުރައްކާ ފޯރަފާނެ ކަމަށެވެ.
މިއީ، މިދިޔަ އަހަރުގެ އޭޕްރީލްމަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން އިމްރާން ޚާން ދުރުކުރިފަހުން، އޭނާގެ ތަގްރީރުތައް ޕާކިސްތާނުގެ ޓީވީތަކުން ދުރަށް ދެއްކުން، ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީން މަނާކުރި ތިންވަނަ ފަހަރެވެ.
ބޮޑުވަޒީރުކަމުން ދުރުކުރި ފަހުން، އިމްރާން ޚާން ގެންދަވަނީ، އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ޕްރެޝަރ ކުރުމުގެގޮތުން، ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި ބޮޑެތި އެއްވުންތައް ބާއްވައި، ދިގު ތަގްރީރުތައް ކުރައްވަމުންނެވެ.
އިމްރާން ޚާންގެ ތަގްރީރުތައް ދުރަށް ދެއްކުން މަނާކުރުމުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާނުންވަނީ، އެކަން ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ބުނެފައިވަނީ، މީހެއްގެ ސިޔާސީ ފިކުރު ހުންނަ ގޮތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅައިގެން ނުވާނޭ ކަމަށެވެ.
އިމްރާން ޚާންގެ ތަގްރީރުތައް ދުރަށް ދެއްކުން މަނާކުރިއިރު، އިމްރާން ޚާންގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތަހްގީގަށް، އިސްލާމްއާބާދުގެ ފުލުހުން އޭނާ ހައްޔަރުކުރަންވެސް އިއްޔެ މަސައްކަތް ކުރިއެވެ. އެއީ، ކޯޓަށް ހާޟިރު ނުވެގެން ކަމަށް ބުނެއެވެ.
އިސްލާމްއާބާދުގައި ހުންނަ އިމްރާން ޚާންގެ ގެކޮޅަށް ފުލުހުން ދިޔައިރު، އިމްރާން ޚާންގެ ސަޕޯޓަރުން ތިބީ ގެކޮޅު ވަށާލައިގެންނެވެ.
ފުލުހުން ވަދެ ބެލިއިރު، އިމްރާން ޚާން ގެކޮޅުގައި ވަޑައިގެން ނޫޅުއްވައެވެ. އެހެންކަމުން، އިމްރާން ޚާން ހައްޔަރު ކުރެވޭގޮތެއް ނުވިއެވެ.
އިމްރާން ޚާންގެ ތަހްރީކޭ އިންސާފް ޕާޓީން ބުނެފައިވަނީ، ކޯޓުން ފޮނުވި އަމުރުގައި އިމްރާން ޚާން ހައްޔަރުކޮށްގެން ގެންދަން އަންގާފައި ނުވާކަމަށެވެ.