ދެކުނު އިންޑިއާގައި ފިލްމެއްގެ މަންޒަރުތައް ނަގަން އުޅުމުގެ ތެރޭގައި، ބޮލީވުޑް ސްޕަރސްޓަރ އަމީތާބް ބައްޗަން ޒަޚަމްވެއްޖެއެވެ.
މިކަން ރޭގައި ހާމަކޮށްފައިވަނީ ޚުދު އަމީތާބް ބައްޗަންއެވެ.
އުމުރުން 80 އަހަރުގެ އަމީތާބް، އޭނާގެ ބްލޮގްގައި ބުނެފައިވަނީ، ހައިދަރްއާބާދުގައި ޝޫޓިންގައި އުޅެނިކޮށް މޭކަށިގަނޑެއް ބިނދި އަދި މަސްގަނޑު އިރައިގެންދިއުންފަދަ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް، އަނިޔާވާން ދިމާވީ ސީދާ ކޮންކަމެއް ކަމެއް ބުނެފައެއް ނުވެއެވެ.
އަމީތާބަށް އަނިޔާވީ، ސައިންސް-ފިކްޝަން ފިލްމެއް ކަމަށްވާ "ޕްރޮޖެކްޓް ކޭ" ގެ މަންޒަރުތައް ނަގަން އުޅުނުގެ ތެރޭގައެވެ.
ހިންދީ އަދި ތެލޫގޫ ބަހުން ތައްޔާރުކުރާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުއެވެ.
ފިލްމުގެ މަންޒަރުތައް ނަގަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާއާ ގުޅިގެން އަމީތާބު މިހާރުވަނީ އެނބުރި މުމްބާއީއަށް އައިސްފައެވެ.
އަދި ޑޮކްޓަރަށް ދެއްކުމަށްފަހު، ޑޮކްޓަރުގެ ލަފާގެމަތިން އޭނާ މިހާރު ހުރީ އަރާމުކުރަން ގޭގައެވެ.
ބްލޮގްގައި އަމީތާބު ލިޔެފައިވަނީ، ހެޔޮއެދޭ ފަރާތްތަކުން "ޖަލްސާ ގޭޓް" ކައިރިއަށް އައިނަމަވެސް، ބައްދަލުކުރެވޭ ވަރު އަދި ނުވާކަމަށެވެ. އެހެންކަމުން، އެއްވެސް މީހަކު މިވަގުތު ނައުމަށް އެދިފައި ވެއެވެ.
"ޖަލްސާ ގޭޓް" އަކީ، ގެ ކައިރިއަށް އަންނަ ސަޕޯޓަރުންނާއި، ހެޔޮއެދޭ ފަރާތްތަކާ އަމީތާބް ބައްދަލުކުރާ ތަނެވެ.
އަމީތާބް ރަނގަޅުވަންދެން ފިލްމުގެ މަސައްކަތްވެސް ވަނީ ހުއްޓާލާފައެވެ.
ހިންދީ ފިލްމީ ދުނިޔޭގެ ސުޕަރސްޓަރ 200 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. އޭނާގެ ފިލްމީ ހަޔާތް ފެށިގެންދިޔައީ 1973 ވަނަ އަހަރު ނުކުތް "ޒަންޖީރު" އިންނެވެ.
ފިލްމީ ދާއިރާއިން ލިބުނު މަގްބޫލް ކަމާއެކު، އަމީތާބް ފަހުން ވަނީ އިންޑިއާގެ ސިޔާސީ މައިދާނުގައިވެސް މަސައްކަތް ކޮށްފައެވެ. އަދި ގިނަ ޓީވީ ޕްރޮގްރާމްތައްވެސް ހުށަހަޅާފައި ވެއެވެ.