ޕީއެސްޖީއާއި ބްރެޒިލްގެ ފުޓުބޯޅަ ތަރި، ނޭމާ ޖޫނިއާއަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށާއި، މި ސީޒަނުގެ ބާކީ ބައިގައި އޭނާއަށް ނުކުޅެވޭނެކަން ޕީއެސްޖީން ހާމަކޮށްފިއެވެ.
ހުނަރުވެރި ފޯވާޑް، ނޭމާއަށް އަނިޔާވެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ފްރާންސް ލީގުގައި ޕީއެސްޖީން ލިލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ޕީއެސްޖީ 3-4 ގެ ނަތީޖާއަކުން މޮޅުވިއިރު، މި މެޗުގައި ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް ވަނީ އަނިޔާވެފައެވެ.
ޕީއެސްޖީން ހާމަކޮށްފައިވާ ގޮތުގައި، މި އަނިޔާގެ ސަބަބުން އޭނާއަށް ވަނީ، އަނިޔާއިން ސަލާމަތްވުމަށް ސާޖަރީއެއް ކުރަން ޖެހިފައެވެ. މިއާއެކު މި ސީޒަނުގައި ބާކީބައިގައި އޭނާއަށް ނުކުޅެވޭނެކަމަށް ޕީއެސްޖީން ބުނެފައިވެއެވެ. މި ސާޖަރީއަކީ، ފާއިތުވީ އަހަރުތަކުގެ ތެރޭގައި ނޭމާގެ ފައިގެ ކުޑަހުޅަށް، އެތައް ފަހަރެއްގެމަތީން ލިބިފައިވާ އަނިޔާތަކުގެ ސަބަބުން، އޭނާއަށް ކެރިއަރު ނިމިދާނެކަމުގެ ބިރުއޮތުމުން ކުރާ ސާޖަރީއެއްކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ޕީއެސްޖީން ހާމަކޮށްފައިވާ ގޮތުގައި، ސާޖަރީއަށްފަހު ނޭމާއަށް އެނބުރި ފަރިތަކުރުންތަކަށް ވެސް ނިކުމެވޭނީ ހަތަރުވަރަކަށް މަސްދުވަސް ފަހުންނެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގެ ތެރޭގައި ވެސް ނޭމާގެ ފަޔަށް ބޮޑު އަނިޔާއެއްލިބި، ގްރޫޕް ސްޓޭޖުގެ ބޮޑުބައި ކުޅެވޭގޮތެއް ނުވިއެވެ.
މި ސީޒަނުގެ ބާކީބައިގައި ނޭމާއަށް ނުކުޅެވޭނެކަން ޕީއެސްޖީން ހާމަކޮށްފައިވާއިރު، މި ސީޒަނުގައި އޭނާވަނީ އެ ކުލަބަށް ކުޅެދިން 29 މެޗުން 18 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މި މެޗުތަކުން އޭނާ ވަނީ އެ ޓީމަށް 17 އެސިސްޓު ވެސް ކޮށްދީފައެވެ.
222 މިލިއަން ޔޫރޯގެ ރެކޯޑު ޓްރާންސްފަރފީއެއްގައި ބާސެލޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވަނީ، މިހާތަނަށް އެ ޓީމަށް ކުޅެދިން 173 މެޗުން 118 ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެ ޓީމާއެކު އޭނާ ވަނީ، ފްރެންޗް ލީގު ހަތަރުފަހަރު، ފްރެންޗް ކަޕް ތިންފަހަރު، ފްރާންސް ލީގު ކަޕް ދެ ފަހަރު އަދި ފްރެންޗް ސުޕާ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ.