ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އޮންނަނީ ސަތޭކަ ސްޓޭޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

މެންބަރު އިބްރާހިމް ރަޝީދު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14ވަނަ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

މެންބަރު ރަޝީދު ވިދާޅުވީ، ޑިމޮކްރެސީއަށް ރުޖޫއަވާން ކުރާ ދަތުރުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަދަ އިންތިހާބުތައް ގިނަގިނައިން ބޭއްވުމަކީ މުހިއްމު ކަމެއް ކަމަށާއި ކައުންސިލް އިންތިހާބަކީ އަތޮޅުތަކާއި ރަށްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެއް ކަމަށެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރައްވާ ބޭފުޅަކަށް ނުވަތަ ވަޒީރުންނަށްވެސް ދިވެހިރާއްޖެ އެނގިވަޑައިގަންނަވަންޖެހޭ ކަމަށެވެ. އޭނާވަނީ މިސާލެއްގެ ގޮތުން އެމެރިކާ ނަންގަވާ އެގައުމުގެ ވެރިއަކަށް ހުންނަ ބޭފުޅާއަށް އެތާ އޮންނަނީ ކިތަށް ސްޓޭޓްކަން އެނގިވަޑައިގަންނަވަންޖެހޭ ކަމަށެވެ. މެމްބަރު ރަޝީދު ވިދާޅުވީ އެމެރިކާގައި އޮންނަނީ ސަތޭކަ ސްޓޭޓް ކަމަށެވެ.

އެހެން ނަމަވެސް، އެމަރިކާގައި އޮންނަ ސްޓޭޓްތަކުގެ އަދަދުވަނީ އެވިދާޅުވި 100ގެ ދެބައިކުޅަ އެއްބަޔަށެވެ. އެގައުމުގައި އޮންނަނީ ޖުމުލަ 50 ސްޓޭޓެވެ.

މެމްބަރު ރަޝީދު ރައްޔިތުންގެ މަޖިލީހުގައި މިމޭރުމުން ވާހަކަދެއްކެވިއިރު، ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި ރާއްޖޭގެ ހާރިޒީ ވަޒީރު އަބްދުﷲ ޝާހިދަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭނގޭ ކަމަށް ބުނެ ބައެއް އާންމުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ.

މިގޮތުން ފާޑުވިދާޅުވި އެއްބޭފުޅަކީ ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. އެދެބޭފުޅުންނަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭނގުމަކީ ލަދުވެތިކަމެއް ކަމަށް މެންބަރު އަލީ ހުސައިންވަނީ ވިދާޅުވެފައެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ރާއްޖޭގައި 250 ރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް ހިނގާނެކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ޝާހިދު މިހެން ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ.

މީގެ ކުރިން ޕޯޑިއަމެއްގައި ރައީސް ސޯލިހުވެސްވަނީ ރާއްޖޭގެ 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ ކަމަށް ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނަށް އެހެން ވިދާޅުވެވުނީ ލިޔުމުގައިވާ ކުށެއްގެ ސަބަބުން އޮޅިވަޑައިގެންނެވެ.