ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވާ ގޮތަށް، ރިޔާސީ އިންތިޚާބެއްގައި އެއްބުރުން އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ އަދަދު ހޯދޭނެ ޕާޓީއެއް ނެތްކަން، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޤާނޫނުގައިވާގޮތުން، ރިޔާސީ އިންތިޚާބެއް އެއް ބުރުން ކާމިޔާބުކުރެވޭނީ، ވޯޓުލެވޭ މީހުންގެ އާބާދީގެ 50 އިންސައްތަ ހޯދައި، އިތުރަށް އެއް ވޯޓު ހޯދައިގެންނެވެ.
އީސީން އާންމުކޮށްފައިވާ 2023 ވަނަ އަހަރުގެ ތަފާސްހިސާބުން ދައްކާގޮތުން، 283،272 މީހުންނަށް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވެއެވެ. އޭގެ ތެރެއިން ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީގައި ހިމެނެނީ، 162،935 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 58 އިންސައްތައެވެ. ވޯޓުލެވޭ އާބާދީގެ 120،337 މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނުހިމެނޭ މީހުންނެވެ.
ސިޔާސީ ޕާޓީގެ ދަފްތަރަށް ބަލާއިރު، އެންމެ ގިނަ މެމްބަރުން ތިބި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގައި 57،660 މެމްބަރުން ތިބެއެވެ. އެއީ ވޯޓުލެވޭ އާބާދީގެ 20.35 އިންސައްތައެވެ. ދެވަނައަށް އެންމެ މެމްބަރުންގިނަ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ތިބީ، 38،704 މެމްބަރުންނެވެ. އެއީ 13.66 އިންސައްތައެވެ. ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި 22،607 މެމްބަރުން އެބަތިއްބެވެ. އެއީ ވޯޓުލެވޭ އާބާދީގެ 7.98 އިންސައްތައެވެ.
10،000 މެމްބަރުން ހަމަވެފައިވާ ޕާޓީގެ ލިސްޓުގައި ދެން ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގައި ތިބީ 10،386 މެމްބަރުންނެވެ. އެއީ 3.66 އިންސައްތައެވެ.
ރިޔާސީ އިންތިޚާބު، އެއް ބުރުން ކާމިޔާބުކުރުމަށް 141,637 ވޯޓު ބޭނުންވާނެއެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ބަލާނަމަ، ވަކިން ނުކުމެ މި އަދަދު ހަމަކުރެވޭނެ ވަރުގެ ޕާޓީއެއް ނެތެވެ. އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓުލާނީ ހަމައެކަނި އެ ޕާޓީގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައި ނުވާތީ، މި އަދަދު ތަފާތުވުން އެއީ އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް، މާޒީއަށް ބަލާއިރު، އައު ގާނޫނުއަސާސީ ވުޖޫދުވެ، ގިނަ ޕާޓީތަކަކުން އިންތިޚާބުތަކުގައި ވާދަކުރަން ފެށިފަހުން، އެއް ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވުނީ 2018 ވަނަ އަހަރު، ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނަކުން ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް އެކަންޏެވެ. އޭގެކުރިން ބޭއްވި ދެ އިންތިޚާބުގައި ވެސް ދެވަނަ ބުރަކަށް ގޮސް، ވޯޓުލާން ޖެހުނެވެ. އަދި ދެވަނަ ބުރުގައި ކާމިޔާބީ ހޯދި ކެންޑިޑޭޓުން އެ ކާމިޔާބީ ހޯދީ، ކޯލިޝަނެއްގެ ގޮތުގައި ވާދަކޮށްގެންނެވެ.
އެގޮތުން 2008 ވަނަ އަހަރު، ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައީ ފުރަތަމަ ބުރުގައި 45 އިންސައްތަ ހޯއްދަވައި، ދެވަނަ ބުރުގައި ކޯލިޝަނަކާއެކު ނުކުންނަވައި، ރައީސް މައުމޫނުގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ. ދެވަނަ ބުރުގައި ރައީސް ނަޝިދު ވަނީ 54.21 އިންސައްތަ ވޯޓު ހޯއްދަވާފައެވެ.
އޭގެފަހުން 2013 ވަނަ އަހަރު، ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ކާމިޔާބީ ލިބުނު ނަމަވެސް، އެއްބުރުން އިންތިޚާބު ކާމިޔާބުކުރުމަށް ބޭނުންވާ އަދަދު ނުހޯއްދެވުމުން، ދެވަނަ ބުރަކަށް ދާން ޖެހުނުއިރު، ދެވަނަ ބުރުގައި ރައީސް އަބްދުﷲ ޔާމީން ކުރިހޯއްދެވީ، ކޯލިޝަނަކާއެކު ނުކުމެވަޑައިގެން، 51.39 އިންސައްތަ ވޯޓާއެކުއެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން ކުރާނެ ފަރާތެއް އިންތިޚާބު ކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބަށް، ރާއްޖޭގެ ސިޔާސީ މަސްރަހް ހަލަބޮލިވަމުން އަންނައިރު، ޕާޓީތަކުން އަންނަނީ ކޯލިޝަނ ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވާފައިވާ ރައީސް ޞާލިޙް ވަނީ، 2018 ވަނަ އަހަރު އެމަނިކުފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން މަސައްކަތްކުރެއްވި ފަރާތްތަކަށް، ކޯލިޝަން ހެދުމުގެ ދައުވަތު ދެއްވާފައެވެ. އެއީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމްއެވެ.
އެހެންނަމަވެސް މި ޕާޓީތަކުގެ ތެރެއިން މިހާތަނަށް ރައީސް ޞާލިޙްގެ ދައުވަތު ގަބޫލުކުރީ ހަމައެކަނި އަދާލަތު ޕާޓީންނެވެ. މިހާރު އޮތް ކޯލިޝަނުގައި ނުހިމެނޭ، އެމްޑީއޭއިން ވެސް ވަނީ ރައީސް ސާލިޙާއެކު ކޯލިޝަން ހެދުމަށް ނިންމައި، އެކަން އިއުލާނުކޮށްފައެވެ.
މިކަމާމެދު ޖުމްހޫރީ ޕާޓީން އަދި ވަކިގޮތެއް ނިންމާފައި ނުވާއިރު، އެޕާޓީގެ ގައުމީ ކޮންފަރެންސާއި ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކުގެ މައްޗަށް ޕާޓީ ހިންގުމުގެ އެންމެ އިސްފަރާތަކީ ގާސިމް ކަަމަށް ވާތީ، ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާނަމަ ޖޭޕީ އިސްވެ އެމަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު ޤާސިމްއަށް ދިނުމަށް، އެ ޕާޓީގެ 150 ވަނަ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭއިން ކޯލިޝަނެއްގެ ގޮތުގައި ނިކުމެއްޖެނަމަ، ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ރިއާޔަތްކޮށް އެ ކޯލިޝަނަށް ލިބޭނެކަމަށް ބެލެވެނީ، 77,832 ވޯޓެވެ. އެއީ ވޯޓުލާ މީހުންގެ އާބާދީގެ 27.47 އިންސައްތައެވެ. މިއީ ހަމައެކަނި ޕާޓީތަކުގެ ދަފްތަރުން ދައްކާ އަދަދެވެ. އެހެންނަމަވެސް ވަކި ޕާޓީއަކަށް ރަޖިސްޓްރީ ނުވެ ތިބި މެމްބަރުންނާއި، އެހެން ޕާޓީތަކުގެ މެމްބަރުންގެ ވޯޓު ވެސް ރައީސް ސާލިޙަށް ލިބުމުގެ ފުރުސަތު އޮތުމުން، މި އަދަދަށް ބޮޑު ބަދަލެއް އައުން އެކަށީގެންވެއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާއިރު، އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް އިއުލާނުކޮށްފައިވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.