ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އަނދަޅަށް ވެއްޓެނީ ނޫން ކަމަށާއި ކޮންމެ ފަހަރަކުވެސް އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށް ވިދާޅުވެ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދަށް ހޫނު ރައްދު ދެއްވައިފިއެވެ.
2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ވާދަކޮށް އިންތިހާބު ކާމިޔާބުކުރި ކޮންމެ ބޭފުޅަކު ވެރިކަމަށް ވަޑައިގެންނެވީ ޤާސިމް އިބްރާހިމްގެ އެހީއާއި މަދާދާއެކުއެވެ. ވެރިކަމަށް ހޮވޭ ޕާޓީއާއެކު އެމަނިކުފާނު ލީޑުކުރައްވާ ޖޭޕީން ކޯލިޝަން ހަދަނީ އެއްބަސްވުންތަކެއްވެ، އިޤުރާރުތަކެއްވެ، ޖުމްހޫރީ ޕާޓީގެ ސިޔާސަތުތަކާއި އަސާސްތައް ތަންފީޒުކުރުމުގެ މަގު، ފަހިކުރުމަށް ސަރުކާރުގެ ތެރެއިން ކަނޑައެޅި، އެއްބަސްވެވި ހިއްސާއެއް އޮންނަގޮތަށް ކަމުގައިވިޔަސް، ވެރިކަމާއި އާރާއި ބާރު ލިބުމުން އެ އަހުދުތައް މަތިން ހަނދާންނައްތާލައި، އެޕާޓީ ނިކަމެތިކޮށްލައެވެ.
އެކަމަށް އިޝާރާތްކުރައްވާ ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު ވިދާޅުވީ އަނެއްކާވެސް އެއަނދަވަަޅަށް ވެއްޓެން ޤާސިމް ބޭނުންފުޅު ނުވާނެ ކަަމަށެވެ.
ރާޝިދުގެ އެވިދާޅުވުމަށް ރައްދުދެއްވައި ސައުދު ވިދާޅުވެފައިވަނީ ޤާސިމް އަނދަޅަށް ވެއްޓެނީ ނޫން ކަމަށާއި ކޮންމެ ފަހަރަކުވެސް އަނދަވަޅުގެ ތެރެއަށް ކޮއްޕާ ވައްޓާލަނީ ކަމަށެވެ. އަދި ރާޝިދު އެމޭރުމުން ވާހަކަދެއްކެވީ ޤާސިމް 2023ގެ ރިޔާސީ އިންތިހާބަށް ނުކުތުން ހުއްޓުވަން ކަމަށްވެސް ސައުދުވަނީ ތުހުމަތުކޮށްފައެވެ.
މިއަދު ދިވެހި ރައްޔިތުން ގޮވަނީ ޤާސިމަށް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
ޤާސިމް އަނދަވަޅަށް ވެއްޓެނީ ކަމަށް ވީދާޅުވުން ސައުދު ސިފަކުރެއްވީ ޖޯކެއްގެ ގޮތުގައެވެ. ސައުދުވަނީ އެމަނިކުފާނު ސިޔާސީ މައިދާނުގައި ނުކުރާ ތަޖުރިބާއެއް އޮތީތޯ ނުވަތަ، އެމަނިކުފާނަށް ނުލިބޭ އިތުރު އަނިޔާއެއް އޮތީތޯ ސުވާލުކުރައްވާފައެވެ.
އެޕާޓގެ ގައުމީ ކޮންފަރެންސާއި ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކުގެ މައްޗަށް ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ޤާސިމް ކަަމަށް ވާތީ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާ ނަމަ ޖޭޕީ އިސްވެ އެމަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު އެމަނިކުފާނަށް ވަނީ ދީފައެވެ.
ޖޭޕީގެ އިސްތަރުޖަމާނު އަލީ ސޯލިހު ވިދާޅުވި، ކައުންސިލުން ލީޑަރަށް އެބާރު ދިން ނަމަވެސް، އަދި މިހާތަނަށް ޖޭޕީން އިންތިހާބުގައި ވާދަކުރާނެ ގޮތެއް ނުނިންމާ ކަމަށެވެ. ވާދަކުރާނީ ޖޭޕީގެ ކެންޑިޑޭޓަކު ގިނިކަންޏާތޯ ނުވަތަ އިއްތިހާދުވެގެންތޯ ނުނިންމާ ކަމަށް އަލީ ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މައިދާނުގައި "ކިންގު މޭކާ"އަށް ވެފައިވާ ޖޭޕީއާއެކު ކޯލިޝަން ހަދަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންވަނީ ހުށަހަޅައިފައެވެ. އެމަޝްވަރާތައް ކުރިއަށް ގެންދަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން މަންދޫބުންތަކެއް ޖޭޕީގެ ލީޑަރު ގާސިމްއާ ވަނީ ބައްދަލުވެސް ކުރައްވައިފައެވެ.
ގާސިމްވަނީ މިފަހުން ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވައިފައެވެ. އެކަމަކު އެބައްދަލުކުރެއްވުމާ ގުޅޭގޮތުން ދެ ފަރާތުންވެސް ވާހަކަދައްކަވަން ބޭނުން ނުވިއެވެ.