ފިލިޕީންސްގެ މެދުތެރެއަށް ބާރުގަދަ ދެ ބިންހެލުން އަތުވެއްޖެއެވެ.

ރިކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގެ ފުރަތަމަ ބިންހެލުން އައިސްފައިވަނީ، ފިލިޕީންސްގެ ގަޑިން މެންދުރު 2 ޖެހިއިރުއެވެ.

އެ ބިންހެލުން އައިސްފައިވަނީ މިންޑަނާއޯ އައިލެންޑްގެ ފަރުބަދަމަތީ ފްރޮވިންސެއް ކަމަށްވާ ޑަވާއޮ ޑި އޯރޯއަށެވެ.

ފުރަތަމަ އައި ބިންހެލުމުގައި އެއްވެސް މީހަކަށްވެސް އަދި އިމާރާތަކަށްވެސް ކަމެއް ވީކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ރިޕޯޓްކުރިއެވެ.

ނަމަވެސް، ފުރަތަމަ ބިންހެލުން އައިތާ 3 ގަޑިއިރުފަހުން، ދެވަނަ ބިންހެލުން އައިސްފައިވަނީ ޖެހިގެންއޮތް ނިއު ބަޓާންއަށެވެ.

ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގެ ބިންހެލުން އައީ ބިމުގެ ވަރަށް ތިލަ ހިސާބަކަށް ކަމަށްވުމުން، ބައެއް ގެތަކާއި އިމާރާތްތައް ވެއްޓުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއު ބަޓާންގެ ޑިޒާސްޓަރ އޮފިޝަލުން ވިދާޅުވީ، ބިންހެލުމާ ގުޅިގެން އެތައް ގެއެއް ވެއްޓި، 300 މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާންޖެހުނު ކަމަށެވެ.

ނިއު ބަޓާންއާ ޖެހިގެން އޮންނަ ޑަވާއޮ ޑެލް ނޯރޓޭގެ ޝޮޕިން މޯލްއަކަށް ބިންހެލުމުގެ އަސަރުކޮށް ބިއްލޫރިތައް ފުނޑުފުނޑުވެގެން ފައިބައި، ނަން ބޯޑުތައް ވެއްޓުނުއިރު، އެތަނުގެ ތެރޭގައި 100 އެއްހާ މީހުން ތިބި ކަމަށް ވެއެވެ. ނަމަވެސް، ލޮޅުން އަރަން ފެށުމާއެކު އެންމެންވަނީ އެތަނުން ސަލާމަތުން ނުކުމެފައެވެ.

ބިންހެލުންތައް އައުމަކީ، ފިލިޕީންސް ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ތަޖުރިބާ ކުރަމުންދާ ކަމެކެވެ.

ފިލިޕީންސް އޮންނަނީ، ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ އަދި އަލިފާން ފަރުބަދަތައް ގޮވާ "ރިންގް އޮފް ފަޔަރ" ކައިރީގައެވެ.

ފިލިޕީންސަށް އަންނަ ގިނަ ބިންހެލުންތަކުގެ ބާރު ދެރަވުމުގެ ސަބަބުން އޭގެ އިހްސާސެއް އިންސާނުންނަށްވެސް ނުކުރާ ކަމަށް ވެއެވެ.

އެހެން ނަމަވެސް، ދޭތެރެދޭތެރެއިން ގެއްލުންބޮޑު ބާރުގަދަ ބިންހެލުންތައް އާދެއެވެ. އެންމެފަހުން އެފަދަ ބިންހެލުމެއް އައިސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓުބަރު މަހުއެވެ.

ފަރުބަދަމަތީ އަވަށެއް ކަމަށްވާ ޑޮލޮރެސްއަށް ރިކްޓަރ މިންގަނޑުން 6.4 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އެތައް ބަޔަކު ޒަޚަމްވެ، އެތައް އިމާރާތެއް ވެއްޓި، އެތައް ހިސާބަކުން ކަރަންޓް ކަނޑައިގެންދިޔައެވެ.

ޖުލައިމަހު އަބްރާއަށް އައި، ރިކްޓަރ މިންގަނޑުން 7.0 ގެ ބާރުމިނުގެ ބިންހެލުމަ ގުޅިގެން، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި 11 މީހުން މަރުވެ، އެތައްސަތޭކަ ބަޔަކު ޒަޚަމްވިއެވެ.

ބިންހެލުން އަންނަކަމާއި، އަންނަ ތަނެއް ކުރިން ދެނެގަނެވޭނެ ޓެކްނޯލޮޖީއެއް ދުނިޔޭގައި އަދި އީޖާދުކުރެވިފައެއް ނެތެވެ.