ޗައިނާއިން ސްރީލަންކާއަށް ދީފައިވާ ލޯނުތައް އަނބުރާ ދެއްކުން ރީސްޓްރަކްޗަރ ކުރުމަށް ޗައިނާ ސަރުކާރުން އެއްބަސްވެއްޖެއެވެ.
މިކަން ހާމަކުރެއްވީ، ޕާލަމެންޓަށް މައުލޫމާތު ދެއްވަމުން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައެވެ.
އަދި އެކަމާ ގުޅޭ ގެރެންޓީ ސިޓީ، ޗައިނާ ސަރުކާރުގެ އެގްޒިމް ބޭންކް އޮފް ޗައިނާއިން ހޯމަދުވަހުގެރޭ އައިއެމްއެފަށް ފޮނުވާފައިވާ ކަމަށްވެސް ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
ލޯނުތައް ރީސްޓްރަކްޗަރ ކުރަން ޗައިނާއިން އެއްބަސްވުމުގެ ސަބަބުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ދޭން ނިންމާފައިވާ 2.9 ބިލިއަން އެމެރިކާ ޑޮލަރުގެ ފަންޑު ސްރީލަންކާއަށް ލިބުމަށް މަގުފަހި ވެގެންދިޔައީއެވެ.
އައިއެމްއެފްގެ ފަންޑު ސްރީލަންކާއަށް ނުލިބި ލަސްވެފައިވާ ހަމައެކަނި މައްސަލައަކީ ޗައިނާގެ ލޯނު ދަރަނީގެ މައްސަލައަށް ގޮތެއް ނުނިމި ލަސްވެގެން ދިއުމެވެ.
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ލޯނުތައް ރީސްޓްރަކްޗަރ ކުރުމަށް ޗައިނާއިން އެއްބަސްވުމުގެ ސަބަބުން، ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައިއެމްއެފުން ދޭ ފަންޑުގެ ބައެއް ސްރީލަންކާއަށް ލިބެނޭ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
46 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏާއެކު ސްރީލަންކާ ޑިފޯލްޓަކަށް ދިޔައީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. އޭގެތެރެއިން 14 ބިލިއަން ޑޮލަރަކީ ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ދައްކަންޖެހޭ ދަރަންޏެވެ. 14 ބިލިއަން ޑޮލަރުގެ 52 އިންސައްތަ ދައްކަންޖެހެނީ ޗައިނާ ސަރުކާރަށެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ ސަރުކާރުން އައިއެމްއެފްގެ އެހީއަށް އެދުނީ، އިގްތިސާދު ފޫވެއްޓި، ގައުމުން ކާބޯތަކެތި ހުސްވެ، ތެލާއި ބޭހަށްޖެހި، ކަރަންޓުގެ ޚިދުމަތްފަދަ އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހްރޫމްވެ، އިންފްލޭޝަން އިންތިހާއަށް މައްޗަށް ދިއުމުން، ގައުމު ސަލާމަތްކުރުމަށްޓަކައެވެ.
އައިއެމްއެފުން ރެސްކިއު ޕެކޭޖެއް ދިނުމަށް މިދިޔަ ސެޕްޓެމްބަރުމަހު އެއްބަސްވި ނަމަވެސް، ފަންޑު ދޫނުކޮށް ލަސްކުރީ، ސްރީލަންކާއަށް ކްރެޑިޓްދޭ ގައުމުތަކުން ޔަގީންކަން ނުލިބިގެންނެވެ. ޗައިނާއަކީ ސްރީލަންކާގެ އެންމެބޮޑު ބައިލެޓެރަލް ކްރެޑިޓަރއެވެ.