މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބަލާނީ މިމަހުގެ 21 ވަނަ ދުވަހުގައިކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފިއެވެ.
ޑީޖޭއޭއިން ބުނީ ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައިކަމަށެވެ.
މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ އެވަގުތަކު އެ ރަށުގެ ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގަކަމަށެވެ.
ހަނދު ފެނިގެން އެ މައުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެކަމަށް ޑީޖޭއޭއިން ބުނެއެވެ.
ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢްބާން 1444 ނުވަތަ 21 މާރިޗް 2023 ވާ އަންގާރަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.
އެހެންކަމުން މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ގާއިމުވެ ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދެއްވުން އެދޭކަމަށް ޑީޖޭއޭއިން މައުލޫމާތު ދެއެވެ.
ކަލަންޑަރު ދައްކާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ މާރިޗްމަހުގެ 23 ވާ ބުރާސްފަތި ދުވަހެވެ.