ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ނިޔަތުގައި ދިން ނިރުބަވެރި ހަމަލާގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިނުގަނެވޭ ކަމަށް އެ މައްސަލަ ކުރިއަށްދާގޮތް މޮނިޓާކުރުމަށް ރައީސް ކަނޑައެޅުއްވި މަންދޫބު އައްބާސް ފާއިޒު ވިދާޅުވެއްޖެއެވެ.

2021ވަނަ އަހަރުގެ މެއިމަހުގެ 6ވަނަ ދުވަހު ދިން މި ހަމަލާއަށް އަހަރަކާއި 10 މަސްވާން ކައިރިވެފައިވާއިރު އައްބާސް ވިދާޅުވީ މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދާ ބައްދަލުކުރައްވައި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާދިން މީހުންގެ ޝަރީއަތް ލަސްވާތީ އެކަމާއިމެދު ކަންބޮޑުވުން ފާޅުކުރެއްވިކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރުއީ އިދާރާތަކުން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވުމަށް ދައްކާ ސަބަބުތައް ބަލައިނުގަނެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްބާސް ފާއިޒަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ހަރަކާތްތެރިވި 9 މީހެއް ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް ޝަރީއަތް ނިމިފައިވަނީ އެންމެ މީހެއްގެއެވެ. އެކި ސަބަބުތަކާހުރެ ދައުލަތުން ދައުވާ އުފުލާފައިވާ ބާކީ ތިބި 8 މީހުންގެ މައްސަލަ އަދިވެސް އޮތީ ކޮޅެއްގައި ނުޖެހިއެވެ.

ތަހުގީގަށްފަހު ސަރުކާރުން އޭރު ބުނީ މި ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ.

މި ހަމަލާއަކީ ދުރާލައި ތައްޔާރުވެގެން ސަރުކާރުގެ އިސް ފަރާތެއްގެ ފުރާނަ ނަގާލުމަށް މިފަހުން ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ނިބުރުވެރި ހަމަލާއެވެ.

މި މައްސަލައިގެ ޝަރީއަތް އަވަސްކޮށް ކުށްވެރިންނަށް ހައްގު އަދަބުދީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސިޔާސީ ގިނަ ފަރާތްތަކާއި ގިނަ އަދަދެއްގެ އާއްމުންވެސް އަންނަނީ ގޮވާލަމުންނެވެ.