އިގްތިސާދީ ރޮނގުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ގާނޫނުގަ އޮތް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން، އިތުރުއެހީތެރިކަން އަންހެނުންނަށް ބޭނުންވާ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެ ޕާޓީން އަންހެނުންގެ ރޫޙުގެ ފަރާތުން އަންހެނުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ އިގްތިސާދީގޮތުން އަންހެނުން ކުރިއެރުވުމަށްޓަކާވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އަންހެނުން ވިޔަފާރިކުރުމަށް ހާއްސަކުރެވިގެން ލޯނު ދޫކުރެވި، ތަމްރީން ޕްރޮގްރާމްތައް ހިންގުން ފަދަކަންކަން ހިމެނޭ ކަމަށެވެ.
ނަމަވެސް އިގްތިސާދީގޮތުން ކުރިއެރުމަށްވެސް އަދަދުނުކުރެވޭހާ ގިނަ ގޮންޖެހުންތައް އަންހެނުންނަށް ހުރިކަން ފާހަގަކޮށް ބަޔާނުގައިވަނީ ސަރުކާރުގެ ފަރާތުންދޭ ވިހެއުމުގެ ޗުއްޓީ ޕްރައިވެޓް ސެކްޓަރގައި އަދިވެސް ނުލިބުމާ، ވަޒީފާ އަދާ ކުރާ އަންހެނުންނަށް ކޮންމެހެންވެސް ބޭނުންވާ ޑޭކެއަރ ސެންޓަރުތައް އެކަށީގެންވާ މިންވަރަށްނެތްކަން ފާހަގަކޮށްފައެވެ.
ނުރަސްމީ މަސައްކަތުގެ ދާއިރާގައި އުޅޭ އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި ދަތިތައް ފަދަ އެތައް ގޮންޖެހުންތަކަކާ އަންހެނުން ކުރިމަތިލާން ޖެހޭ ކަމަށްވެސް ބަޔާނުގައިވެއެވެ.
މިކަންކަން ހައްލުކުރުމަށް ހަމަހަމަ ފުރުސަތުތަކުގެ އިތުރުން ހާއްސަ އެހީތެރިކަމެއް އަންހެނުންނަށް ބޭނުންވާ ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން ބުނެއެވެ.
ރާއްޖޭގެ ގާނޫނުއަސާސީއާ ގާނޫނުތަކަށް ބަލާއިރު، ކަރުދާހުގައި ހުންނަ އަކުރުތަކުން، އަންހެނުންނާއި ފިރިހެނުންނަށް ސިޔާސީ ދާއިރާގައިވެސް ހަމަހަމަ ފުރުސަތުތައް އޮންނަ ކަމަށާއި އެހެންނަމަވެސް އެގާނޫނުތަކަށް އަމަލުކުރުމަށްފަހު ނިކުންނަ ނަތީޖާއިން ގިނަފަހަރު އެ ހަމަހަމަކަމެއް ނުފެންނަ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން ކެބިނެޓްގަ އާއި، ސަރުކާރުގެ މަތީ މަޤާމުތަކުގަ ތިބި އަންހެނުންގެ އަދަދު އިތުރުވެއްޖެކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހު އ.ދގެ ޝިއާރު ކަމުގައިވާ، ޑިޖިޓްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮރ ޖެންޑަރ އިކުއޭލިޓީ"ގެ ބޭނުމަކަށް މިވަނީ ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިންނާއި ޒަރިއްޔާއިން އަންހެނުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަންހެނުންނަށް ކުރާ ފުރައްސާރައާއި، ދޭ އަނިޔާ އާއި، ކުރިމަތިކުރުވާ ގޮންޖެހުންތަކާ ގުޅޭގޮތުން މީހުން ހޭލުން ތެރިކުރުވާ، މިމައްސަލަތަކަށް ހައްލު ހޯދުމެވެ.
ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް އޮންލައިން ޕްލެޓްފޯރމްތައް ބޭނުން ކޮށްގެން ފުރައްސާރަކޮށް، ހަނގާކުރުން ވެފައިމިވަނީ ސިޔާސީ ދާއިރާއަށް އަންހެނުން ނުކުތުމަށް ޖެހިލުންވާ އެންމެ ބޮޑު އެއް ސަބަބުކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
އަންހެނަކަށް ދެރައެއް ލިބޭ ހިނދު އެމީހާ އިތުރަށް ގަންބާލަން ބޭނުންކުރާ ހަތިޔާރަކަށް ސޯޝަލް މީޑިއާ ނުހެދުމަށާއި އަދި ހާއްސަކޮށް މިކަމުގައި އެހެން އަންހެނުން ބައިވެރި ނުވުމަށް ހޭލުންތެރިކަން އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްގެ ގޮތުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުން ދެކެއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުން މިކުރަނީ "އެމްބްރޭސް އިކުއިޓީ"އެވެ.