މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ.
ކޮންމެ އަހަރެއްގެވެސް މާރޗް މަހުގެ 8 ވަނަ ދުވަހަކީ އިގްތިސާދީ، ސިޔާސި އަދި އިޖްތިމާއި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ އިތުރުން އެމީހުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހެވެ.
ތާރީހަށް ބަލާލާއިރު މިދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރަންފެށީ މީގެ 107 އަހަރުކުރިން 1911 ވަނަ އަހަރުގައެވެ.
އަންހެނުންގެ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރަގަތުމަށް މިކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
އަދި އެކި ދާއިރާތަކުން އަންހެނުން ކޮށްފައިވާ، ކުރަމުން އަންނަ ހިދުމަތްތަކުގެ އަގު ވަޒަންކުރުމާއި ކުރިއަށްއޮތް ޖީލުތަކުގެ އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކާއި މުޖުތަމައުގައި އެމީހުންނަށް ހައްގުވާ މަގާމު ހޯދައި ދިނުމަށް ބާރުއެޅުމެވެ.
މީގެއިތުރުން، އަންހެނުންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ހުއްޓުވުމަށް މަސައްކަތްކުރުމެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ބޭނުން މިކުރަނީ ” އެމްބްރޭސް އިކުއިޓީ”އެވެ.
މި ޝިއާރުގެ ދަށުން އަންހެނުންގެ ދުވަސް ފާހަގަކުރަމުންދާއިރު، "އިކުއިޓީ" އާއި "އީކުއޭލިޓީ"، މި ދެބަހުގެ ތަފާތު ދެނެގަތުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. "އީކުއޭލިޓީ" މި ބަހުގެ މާނައަކީ ހަމަލަމަކަން ކަމަށްވާއިރު، އިކުއިޓީ މިބަސް ބޭނުން މިކުރެވެނީ ހަމަހަމަކަން ހޯދުމަށް އިތުރަށް ކުރަންޖެހޭ ކަންކަމަށެވެ.
އެއީ ހުރިހާ އެންމެންވެސް ލަނޑުދަނޑިއެއް ހާސިލް ކުރަން މަސައްކަތް ފަށައިގަންނައިރު އެންމެން ތިބެނީ އެއްހަމައެއްގައި ނޫންކަން ދެނެގަނެ އެ ލަނޑުދަނޑި ހާސިލްކުރުމަށް ކޮންމެ މީހަކަށްވެސް ވަކިވަކިން ދޭންޖެހޭ އެހީތެރިކަންދިނުމެވެ.
މިއަދު ދުނިޔޭގެ ޖަމާއަތުގެ ހުރިހާ ދާއިރާއެއްގައި ވެސް އަންހެނުންގެ ހިއްސާ ބޮޑެވެ.
އިގްތިސާދީ ގޮތުން ކުރެވޭ މަސައްކަތްތަކާއި، އިޖުތިމާއީ ދާއިރާގައި އަންހެނުން ގެންދަނީ ނަމޫނާ ދައްކަމުންނެވެ.
އަދި މިއަދުގެ ދުނިޔޭގައި ސިޔާސީ މައިދާނުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކޮށް، ބާރުވެރި ކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.
އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީ، އިގްތިސާދީ މަސައްކަތްތަކަށް އަންހެނުން ނެރުމަށް ރާއްޖޭގެ ސަރުކާރުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ތަޢުލީމީ ދާއިރާއަކީ އަންހެނުންނަށް ފުރުސަތު ލިބުމުގައި އެންމެ ބޮޑަށް ހަމަހަމަކަން މިރާއްޖޭގައި ޤާއިމްކުރެވިފައިއޮތް އެއްދާއިރާއެވެ.
މިދާއިރާއިން އަންހެނުންދަނީ ގިނަގުނަ ކާމިޔާބީތައް ހޯދަމުނެވެ. ނަމަވެސް ސިޔާސީ އަދި އިގްތިސާދީ ދާއިރާތަކުގައި އަންހެނުން އަދިވެސް އުޅެނީ ވަރަށް ފަހަތުގައެވެ.
މިސަރުކާރުން ސިޔާސީ ދާއިރާގައި އަންހެނުން ކުރިއެރުވުމަށްޓަކައި ރަގަޅު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ކެބިނެޓްގައާއި، ސަރުކާރުގެ މަތީ މަޤާމުތަކުގަ ތިބި އަންހެނުންގެ އަދަދު ވަނީ އިތުރުކޮށްފައެވެ. އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ ގޮތުގައިވެސް ގިނަ އަންހެނުންތަކެއް އައްޔަން ކުރެވިއްޖެއެވެ.
މީގެއިތުރުން، އަލަށް ސުޕްރީމް ކޯޓަށާއި، ޖިނާއީ ކޯޓަށްވެސް އަންހެން ފަނޑިޔާރުން އައްޔަން ކުރެވިގެން ގޮއްސިއެވެ. ހާއްސަ ގޮތެއްގައި ކައުންސިލްތަކުގައި އަންހެނުންނަށް ޤާނޫނީ ގޮތުން ދެވުނު 33 އިންސައްތައިގެ ކޯޓާއަކީ ކައުންސިލަރުންގެ ގޮތުގައި ތިބޭ އަންހެނުންނާއި ފިރިހެނުންގެ އަދަދަށް ވަރަށް ބޮޑު ހަމަހަމަ ކަމެއްގެނުވައިދިން ބަދަލެކެވެ.
މިއީ ރާއްޖޭގައި ހަމަހަމަކަން ގެނުމަށްޓަކައި ދެވުނު އިތުރު އެހީތެރިކަމެކެވެ. ނަމަވެސް މުޖުތަމަޢުގައި މިފަދަކަންކަމާމެދު އޮންނަ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން މިފިޔަވަޅުތަކާ ދޭތެރޭގަ ގޯސް ނަޒަރަކުން ދެކެމުންދާ މީހުން މަދެއްނޫނެވެ އެހެންވެ މިއަދު “އެމްބްރޭސް އިކުއިޓީ” މި ޝިއާރު ވަރަށް މުހިއްމުވެގެން އެބަދެވެ. ހަމަހަމަކަން ގެނައުމަށް ކުރެވޭ މިފަދަ ކަންކަމާ ދެކޮޅުހަދާ، ތަފާތުކުރުމެއް ކަމަށް ބުނެ ނުރުހުން ފާޅު ނުކުރުމަށް، ހޭލުންތެރިކަން އިތުރުކުރަން އެބަޖެހެއެވެ.
މިއަދު އަންހެނުންގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު، އަންހެނުން އަންހެނުންނަށް އިތުރަށް ކަމޭހިތާ އެއްބާރުލުން ދޭންޖެހެއެވެ. އަންހެނުން އެހެން އަންހެނުންނަށް ދޭން އޮތް އެންމެ މުހިއްމު އެއް މެސެޖަކީ، އެކަކު އަނެކަކަށް އިހުތިރާމް ކުރުމަށާއި، އެކަކަށް ލިބޭ ކުރިއެރުމަކީ އަނެކާއަށްވެސް ލިބޭ ކުރިއެރުން ކަމަށް ދެކި، އެކަކު ކުރިއަރުވައިގެން އަނެކާ ކުރިއެރުމަށް އަޒުމް ކަނޑައެޅުމެވެ.