ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އާއި، ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން ޢަފީފުއަށް، އެ ޕާޓީ ދޫކޮށް އިދިކޮޅު ކޯލިޝަނާ ގުޅުމުގެ ދައުވަތު، ޕީއެންސީގެ ނައިބު ރައީސް، އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ދެއްވައިފިއެވެ.
އާދަމް ޝަރީފްގެ މި ދައުވަތަކީ، އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް އަމަލުކުރަމުން ގެންދާކަމަށް ވިދާޅުވެ، އެ ޕާޓީގައި ތިއްބެވުމުގެ ޝައުގުވެރިކަން ނެތްކަމަށް މެމްބަރު އަފީފާއި ބޮންޑޭ ވިދާޅުވެފައިވާ ދަނޑިވަޅެއްގައި ދެއްވި ދައުވަތެކެވެ.
މި ސަރުކާރުގެ ސިޔާސަތުތަކާއި ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ފަރާތްތަކަށް ފާޑުކިޔާ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މި ދެ ބޭފުޅުންނަކީ، މަޖިލީހުގައި ވެސް އަދި މީޑިއާގެ އެކި މަންސަތަކުގައި ވެސް ފަހަކަށް އައިސް ސަރުކާރާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވަމުން އަންނަ ދެ ބޭފުޅުންނެވެ.
ޕާޓީން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ދޭހަވާ މޭރުމަކުން މި ދެ ބޭފުޅުން ވާހަކަދައްކަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ބަހުސް ކުރައްވަމުންނެވެ.
މި އިސްލާހަށް ތާއީދުނުކުރައްވާ ކަމަށާއި، މިއީ ބޭކާރު އިސްލާހެއް ކަމަށް އަދި އިސްލާހު ފާސްކުރުމަށް އެމްޑީޕީގެ ޕީޖީން ތްރީލައިން ވިޕެއް ނެރޭނެ ކަމަށާއި އެއަށް ވޯޓު ނުދީފިނަމަ ފިޔަވަޅު އަޅާނެކަން އެނގޭކަމަށް ދެ ބޭފުޅުންގެ ވާހަކައިގައި ވެސް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން މެމްބަރު އަފީފް ވިދާޅުވީ، ފިޔަވަޅު އެޅިޔަސް ހެޔޮކަމަށާއި، ރަނގަޅީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަކިކޮށްދިނިއްޔާކަމަށެވެ.
މި އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެމްޑީޕީގެ "ސްޓޭންޑަޑް" ނޫން ކަމަށާއި، އެމްޑީޕީން ވަކިވުމަށް އެ ޕާޓީގެ ރައިސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާނެކަމަށެވެ. ޕާޓީން ވަކިވުމަށްފަހު ހުންނަވާނީ "ފިކުރެއްގެ ދިރުން" އާއެކުކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
މި ދެ މެމްބަރުންގެ ވާހަކަފުޅަށް ރިއާޔަތްކޮށް، މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެމްބަރު އަފީފާއި ބޮންޑޭއަށް ޕީޕީއެމްއަށް ދައުވަތު އަރުވާ ކަމަށާއި، އަވަހަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި މި ދެ މެމްބަރުންނަކީ ވެސް ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުން ކަމަށާއި، މި ވެރިކަން ބަދަލު ކުރުމަށް، މި ދެ މެމްބަރުންނަކީ "އެސެޓަކަށް" ވާނެކަމަސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް އޮންނަންވީ ގޮތަކާމެދު ރައީސް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅަށް ރައީސް ޞާލިޙްގެ ރުހުން ނުލިބުމުން، އޭގެފަހުން އެމްޑީޕީ ބައިބައިވެ، ޕާޓީ ދެ ފެކްޝަނަކަށް ވަނީ ބެހިފައެވެ.
އެފަހުން ބޭއްވި ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ރައީސް ޞާލިޙްގެ ފެކްޝަނުން ކާމިޔާބީ ހޯދާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙް ހޯއްދެވި ކާމިޔާބީއާއެކު، އެމްޑީޕީގެ އެތެރޭގައި "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ހަރަކާތެއް ފަށައި، އެ ހަރަކާތަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ކުރައްވަމުންނެވެ.