އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރު ފަޅީގެ މައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވާހަކަ ދެއްކުމުން އިންޑިއާ ހިތްހަމަނުޖެހިއްޖެއެވެ.
ކަޝްމީރުގެ މުސްލިމް ރައްޔިތުންގެ ހައްގުތަކާ ގުޅޭގޮތުން އޯއައިސީގެ މަންދޫބު ވާހަކަ ދައްކާފައިވާނީ، އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 52 ވަނަ ސެޝަންގައެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއަކީ، އދ ފިޔަވައި، ދުނިޔޭގައި އެންމެ ގިނަ ގައުމު ހިމެނޭ ދެވަނައަށް އެންމެބޮޑު ޖަމާއަތެވެ. އޯއައިސީގައި އަރަބި އިސްލާމީ 57 ގައުމު ހިމެނެއެވެ.
އޯއައިސީގެ މަންދޫބުގެ ވާހަކަތަކަށް ރައްދު ދެއްވައި، ޖެނީވާފައި ހުންނަ އިންޑިއާގެ ޕާމަނަންޓް މިޝަންގެ ފަސްޓް ސެކްރެޓަރީ ސީމާ ޕުޖާނީ ވިދާޅުވީ، އިންޑިއާގެ ޔޫނިއަން ޓެރިޓަރީ އޮފް ޖައްމޫ އެންޑް ކަމީރަށް ނިސްބަތްކޮށް އޯއައިސީގެ މަންދޫބު ދެއްކެވި ވާހަކަތަކާ އިންޑިއާ ދެކޮޅުހަދާ ކަމަށެވެ.
ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަށް ކިޔަނީ ޖައްމޫ އެންޑް ކަޝްމީރެވެ. ކަޝްމީރުގެ އަނެއްބައި އޮންނަނީ ޕާކިސްތާނުގެ ބާރުގެ ދަށުގައެވެ.
އިންޑިއާގެ މަންދޫބު ސީނާ ޕުޖާނީ ވިދާޅުވީ، މުޅި ކަޝްމީރަކީ އިންޑިއާގެ މިލްކެއް ކަމަށެވެ. ޕާކިސްތާނުން ކަޝްމީރުގެ ބަޔަކަށް ވެރިވެގެންފައިވަނީ ޣައިރުގާނޫނީ ގޮތުން ކަމަށާއި، ޕާކިސްތާނު އުޅެނީ ކަޝްމީރުގެ ބައެއް އިސްތިއުމާރުކޮށްގެން ކަމަށްވެސް ސީމާ ވިދާޅުވިއެވެ.
ޕާކިސްތާނުން ހިންގާ "ޓެރަރިޒަމް" ގެ އަމަލުތައް ހުއްޓައި، އިސްތިއުމާރު ދޫކޮށްލަން ގޮވާލުމުގެ ބަދަލުގައި، އިންޑިއާއާ ދެކޮޅަށް މަކަރުވެރި، ނުބައި އެޖެންޑާތައް ހިންގުމަށް އޯއައިސީން ޕާކިސްތާނަށް ފުރުސަތު ދެނީ ކަމަށްވެސް، އިންޑިއާގެ ފަސްޓް ސެކްރެޓަރީ ވިދާޅުވިއެވެ.
ކަޝްމީރުގެ މައްސަލާގެ ތެރެއަށް އޯއައިސީ މީގެކުރިން ވަންނަން މަސައްކަތް ކުރި ފަހަރުތަކުގައިވެސް އިންޑިއާއިންވަނީ އޯއައިސީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ބުނެފައިވަނީ، އޯއައިސީން އިންޑިއާގެ ދާޚިލީ ކަންކަމާބެހެނީ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ޚާރިޖިއްޔާގެ ތަރުޖަމާނެއް ވިދާޅުވީ، ކަޝްމީރުގެ މައްސަލާގައި އޯއައިސީ ވަކިކޮޅަކަށް ޖެހިފައި އޮތުމުން، އެ މައްސަލައިގެ ތެރެއަށް ވަނުމުގެ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށެވެ.
ޖައްމޫ އެންޑް ކަޝްމީރަކީ އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ހަމައެކަނި ސްޓޭޓެވެ.
ނަމަވެސް، ޖައްމޫ އެންޑް ކަޝްމީރަށް އިންޑިއާގެ ގާނޫނުއަސާސީން ދީފައިއޮތް ޒާތީ މިނިވަންކަމާއި، ސްޓޭޓެއްގެ ހައިސިއްޔަތު ނިގުޅައިގަނެ، 2019 ވަނަ އަހަރު ޖައްމޫ އެންޑް ކަޝްމީރު ދެބައިކޮށް ޔޫނިއަން ޓެރިޓަރީސްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތަށް ހެދުމުން، އެދެ ޓެރިޓަރީގައިވެސް ސީދާ ވެރިކަންކުރަނީ މައި ސަރުކާރުންނެވެ.
މިއީ، އިންޑިއާއިން ވެރިކަން ކުރަމުން އަންނަ ކަޝްމީރުގެ ފަޅިއަށް އަތްގަދަކޮށް އިތުރަށް ވެރިވެގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިންމެވި ނިންމެވުމެކެވެ.
މޯދީގެ ސަރުކާރުގެ ނިންމުމުގެ ސަބަބުން، ޖައްމޫ އެންޑް ކަޝްމީރުން، އެ ސަރަހައްދުތަކުގެ ރަށްވެހީންނަށް ނޫން ބަޔަކަށް ބިން މިލްކު ނުކުރެވޭގޮތަށް އޮތް އޮތުންވެސް އުވާލައި، ހިންދޫން ވަޒަންވެރި ކުރުވަން ފަށާފައި ވެއެވެ.
ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓް ރޫޅާލުމުން، މުސްލިމުންގެ ރުޅިގަނޑު މައްޗަށް ދާނެކަން އެނގޭތީ، މުޅި ސްޓޭޓްގައި އެތައް މަހެއްވަންދެން ކާފިއު ހިންގައި، އެތައްހާސް މުސްލިމުން ހައްޔަރުކޮށް ބަންދުކުރުމާއި، ވިޔަފާރިތަކާއި، ސްކޫލްތައްވެސް ބަންދުކޮށް، އިންޓަނެޓުގެ ޚިދުމަތްފަދަ އަސާސީ ޚިދުމަތްތައް ކަނޑައި، ހިސާރުކުރިއެވެ.