ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގައި އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ، އަންހެނުންނަށް ކަމޭހިތައި އޯގާތެރިކަން އިސްކޮށް، ބާރުވެރިކުރުވައި މުޖުތަމައުގައި ހައްގު މަގާމަށް އަންހެނުން ގެންގޮސްދިނުމަކީ އެންމެންގެ ވާޖިބެއްކަމަށް ބުނާ ބުނުމެވެ. މުހިއްމު އަދި ބޭނުންތެރި ކަމެކެވެ. އެވާހަކައަށް ޚުދު އަހަރެންވެސް ތާއީދެވެ.
ތެދެއްމެ، އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖުތަމައު ބާރުވެރިވެގެންދާނެ ކަމެކެވެ. މި ވާހަކައިގެ ތެރެއިން ކުރިފަޅައި ދެން ދެކެވޭ އަނެއް ވާހަކައަކީ ސިޔާސީ މައިދާނުގާ އަންހެނުންގެ ދައުރު އިތުރުކޮށް މި ދާއިރާއިން އަންހެނުން ބާރުވެރިކުރުމުގެ ވާހަކައެވެ. މިއާއެކު ހަނދާނަށް އަންނަނީ، 2019 ވަނަ އަހަރު ލޯކަލް ކައުންސިލްތަކުގެ ވަކި އިންސައްތައެއް ގާނޫނަކުން އަންހެނުންނަށް ހާއްސަކުރި ކުރުމެވެ. ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެެނެސްފައިވަނީ 2019 އަހަރެވެ. އެކަމާ ދެކޮޅަށް އެތައް ބަޔަކު އޭރު ޚިޔާލު ފާޅުކުރިއެވެ. "ތަބަކަށްލައި ވަކި ޖިންސަކަށް ގޮނޑިތައް ދިނުމަކީ އިންސާފު ނޫން" ކަމަށާއި އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި ނުވަތަ ކަނބަލުންނަށް ފުރުސަތު ހޯދައިދިނުމުގެ ނަމުގައި ފިރިހެނުންގެ ހައްގަށް އުނިކަން އަންނަ ފަދައިން ގާނޫނެއް އޮތުން ގޯސްކަމަށް ބައެއް މީހުން ބުނެފައި ވެއެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ އަންހެނުން ވެސް ކުރިމަތިލައިގެން، ހަމަހަމަ ފުރުސަތުތަކެއްގެ ތެރެއިން ފިރިހެނުންނާ ވާދަކޮށް މޮޅުވުން ކަމަށާއި މުޖުތަމައުވެސް އެކަނބަލުންނަށް ވާނެކަން ގަބޫލުކޮށް، ގާބިލު ނަމަ އެފަދަ ފުރުސަތުތައް ދިނުން ކަމަށްވެސް އެމީހުން ބުންޏެވެ.
މި މައްސަލައިގައި ގާނޫނީ ވަކީލު އަދީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ވަނީ ކޯޓަށް ވެސް ގޮސްފައެވެ. އެކަމަކު، ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރުން ގާނޫނު އަސާސީއާ ހިލާފުނުވާކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނިމިދިޔަ 2022 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގެ ވަކި ވަރެއް އަންހެނުންނަށް ހާއްސަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހެޅިއެވެ. އެކަމަކު އެެކަމާ ސިޔާސީ ޕާޓީތަކުން ހެދީ ދެކޮޅެވެ. ސަބަބުތައް ބައިވަރެވެ.
މިއަދު އަނެއްކާ ދެކެވޭ ވާހައަކީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެން މެންބަރުންގެ އަދަދު އިތުރުކުރާ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ، ގާނޫނުއަސާސީ އިސްލާހުކޮށްގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އަންހެން މެންބަރުން ހިމެނިގެންދާނެ ގޮތާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު އުފެދޭކަމެއް ނޫންކަމަށެވެ. މަޖިލީހުގައި ހިމެނޭ އަންހެން ބޭފުޅުންގެ އަދަދު އިތުރުކުރުމަށް ގަނޫނުއަސާސީ އިސްލާހުކުރުމުގައި ސިޔަސީ ޕާޓީތަކުގެ ޒިންމާ ބޮޑު ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
ދަންނަަވަންތޯއެވެ؟ އަންހެނުން ބާރުވެރިކުރަން ބޭނުންނަމަ ކުރަންވީ ކަމަކީ ވަކި އިންސައްތައެއް ކަނޑައަޅައި، ވަކި އަދަދަކަށް އެ ކަނބަލުންނަށް ގޮނޑި ހާއްސަ ކުރުމެއް ނޫނެވެ. އަންހެނުންނާމެދު މުޖުތަމައު ދެކޭގޮތް ބަދަލުކުރުމެވެ. ވަކި ޖިންސަކަށް ވީތީ ތަފާތުނުކުރަން ހޭލުންތެރިކޮށްގެނެވެ. މިންތީގެ ހަމަހަމަ ކަމަށް ވާސިލުވާން ކުރާ ދަތުރުގައި ވަކި މިންތިއަކަށް ހާއްސަކަން ދީގެން ދުވަހަކުވެސް އެ މަންޒިލަށް ވާސިލެއް ނުވާނެއެވެ. މިއަދު މިމޭރުމުން ކަންކޮށްގެން މާދަމާ ފިރިހެނުންގެ ހައްގު ގެއްލިގެން އުޅެންޖެހޭ ހާލަތަކަށް ގޮސްދާނެއެވެ.
ފުރުސަތުދީ، މަގުފަހިކޮށްދޭންޖެހޭނީ މީހާގެ ޖިންސާއި، ކުލައާއި ނަސްލަށް ބަލައިގެންނެއް ނޫނެވެ. މީހާގެ ގާބިލުކަމާއި، އިލްމީ ފެންވަރާ އަދި ދާއިރާގެ ތަޖުރިބާއަށް ބެލުމަކީ، ގައުމަށް އެންމެ ފައިދާ ހުރިގޮތެވެ.