ހދ. ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ.
ހަނިމާދޫ ބައިނަލްއަގުވާމީ އެއަރޕޯޓުގެ މަސައްކަތުގެ ތަފްސީލް "ވީނިއުސް"އަށް ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވިދާޅުވީ، އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އައު ރަންވޭ ހެދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން، ރަންވޭ ހަދާ ސަރަހައްދުގެ ބިންގަނޑު މިހާރު ސާފުކޮށް ބިންގަނޑު އެއްވަރުކޮށްފައިވާ ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ، މިމަސައްކަތް ކުރިއަށް ދާއިރު، ރަށަށް ވަރަށް ގިނަ އަދަދެއްގެ މުދާ އެތެރެ ކުރާ ކަމަށެވެ. އަދި އެ މުދާ ރަށު ބަނދަރަށް ބާލާހެދުމުގެ ސަބަބުން ރަށުގެ ބަނދަރު ތޮއްޖެހި އުނދަގޫތަކަކާއި ކުރިމަތިލާންޖެހޭތީ މުދާ އެތެރެކުރުމަށް އެއަރޕޯޓު ސަރަހައްދުގައި ވަގުތީ ބަނދަރެއް ހަދަމުންދާކަން ފިރާގް ހާމަކުރެއްވިއެވެ.
އަދި ވަގުތީ ބަނދަރުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށްވެސް ފިރާގް ވިދާޅުވިއެވެ.
ފިރާގް ވިދާޅުވީ، މިހާރު މަޝްރޫއުގެ 15 ވަރަކަށް އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ވަރަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީކުރާ ސަރަހައްދަކީ ގަސްތައް ބޯ ސަރަހައްދަކަށް ވެފައި، އެ ގަސްތައް ނަގާ ސާފުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަ ކުރަންޖެހުނުކަން ފިރާގް ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވުމާއެކު، މިހާރު އައު ރަންވޭގައި ތާރުއަޅަން ތައްޔާރުވެފައިވާ ކަމަށް ފިރާގް މައުލޫމާތުދިނެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައިވެސް މާލެ ސަރަހައްދުން ބޭރުގައި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. އިންޑިއާގެ އެގްޒިމްބޭންކުގެ ލޯނު ފައިސާއިން ކުރިއަށްގެންދާ 2.1 ބިލިއަން ރުފިޔާގެ ބިޔަ މި މަޝްރޫއު ކޮންޓްރެކްޓްކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.
ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތްތަކާއެކު ބޮޑެތި މަތިންދާބޯޓުފަހަރަށް ޖެއްސޭވަރުގެ 2460 މީޓަރުގެ އައު ރަންވޭއެއް، މި އެއާޕޯޓުގައި ތަރައްގީކުރެވޭނެއެވެ.
އަދި ދިވެހިވަންތަ ސިފައަކަށް ފަރުމާކޮށްފައިވާ ޒަމާނީ ޓާމިނަލަކާއެކު އެއާޕޯޓް ތަރައްގީކުރެވިގެންދާނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭގޮތަށެވެ.
މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރެވެ.