މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްއެމްއޭ އިން ބުނީ، އެއިދާރާއިން މިންތީގެ ހަމަހަމަކަށް ގާއިމުކޮށް އަންހެނުންނަށް ވަޒީފާއަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންދާ އެމްއެމްއޭގެ ލީޑަރޝިޕްގަ ވެސް އަންހެނުންގެ ދައުރު އަބަދުވެސް ވަރަށް ބޮޑު ކަމަށްވާއިރު، އިއްޔެ އެ އޮތޯރިޓީން ވަނީ މިންތީގެ ހަމަހަމަކަން ގާއިމްކޮށް، އަންހެނުން ބަރުވެރިކުރުމަށް އިތުރު ފިޔަވަޅެއް އާޅާފައެވެ.
އެގޮތުން، އިއްޔެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ކުރުމަށް ބޭއްވި ހާއްސަ ބައްދަލުވުމުގައި އެ އޮތޯރިޓީން ވަނީ ގާތުންދޭ މައިންނަށް ދެވޭ އެއް ގަޑިއިރުގެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފައެވެ.
އެމްއެމްއޭއިން ބުނީ، މި ބަދަލާއެކު ގާތުންދޭ ހުރިހާ މައިންނަށް ވެސް މަސައްކަތުގެ ގަޑީގެ ތެރެއިން ދެ ގަޑިއިރުގެ ހުސްވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށް ލިބިގެންދާނެ ކަމަށެވެ.
އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދު ވެސް ދަނީ ނަމޫނާ ދައްކަމުންދާއިރު، ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ ހަ މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް އެމްއެމްއޭއެވެ.