މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން ހއ. ދިއްދޫގައި އިމާރާތްކުރާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އިމާރާތްކުރާ ޓިވެކް ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީ ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ދެ ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާއިރު މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބުނެފައެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހު އޮޕްރޭޓް ކުރުމަށް ހަވާލުކުރާއިރު ތަނަށް ބޭނުންވާ ފަރުނީޗަރާއި އިކްއިޕްމަންޓްތަކާއި ފިޓިންސް ހޯދައި އިންސްޓޯލް ކުރާނީ ތަން ހިންގަން ހުޅަހަޅާ ފަރާތުންނެވެ.
މީގެ އިތުރުން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރާނީވެސް ސެންޓަރުތައް ހިންގަން ހުށައަޅާ ފަރާތުން ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
ދިއްދޫ ޖޫނިއާ ކޮލެޖް ހާއްސަކޮށްފައިވަނީ ފުޑް ޕްރޮސެސިން ދާއިރާގެ ކޯސްތަކަށެވެ. އަލިފުށީގައި އިމާރާތްކުރާ ޓިވެކް ސެންޓަރު ހާއްސަކޮށްފައިވަނީ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ދަސްކޮށްދިނުމަށެވެ. މީގެ އިތުރުން ވޮކޭޝަނަލް ދާއިރާގެ ގިނަ ކޯސްތަކެއްވެސް މި ދެ އިންސްޓިޓިއުޓުތަކުގައި ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި ދެ އިންސްޓިޓިއުޓުތަކުގައިވެސް ލެބޯޓްރީއާއި ވޯކްޝޮޕްތަކުގެ އިތުރުން ކުލާސްރޫމުތަކާއި އޮޑީޓޯރިއަމަކާއި ލައިބްރަރީގެ އިތުރުން އެހެން ހިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައްވެސް ހަމަޖެހިފައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ދެ މަޝްރޫއަކީވެސް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓަކަށްވާއިރު މީގެ ކުރިން 2022ވަނަ އަހަރު މާލެ އަތޮޅު ތުލުސްދޫގައި ޕޮލިޓެކްނިކަކާއި ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް އިމާރާތްކޮށް ހިންގުމުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ.
އެހެންކަމުން މި އިންސްޓިޓިއުޓްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ރިކްއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓާއި ގުޅޭ ޓެންޑާ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ ކުރިން ހުށައަޅަމުން ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.