ކުރިއަށް އޮތް ރޯދަމަހު، ބާޒާރުގައި ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް، ސަރުކާރުގެ ވިޔަފާރި ކުންފުނި (އެސްޓީއޯ) މެދުވެރިކޮށް ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތި އަގުބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވަނީ، ސަރުކާރުގެ ވިޔަފާރީ ކުންފުނިން އެ މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހުސްވިޔަނުދީ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯއިން ކާބޯތަކެތީގެ ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާއިރު، އޭގެ ފުރުތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ގެނެވިފައިވާކަމަށެވެ. އޭގެތެރެއިން ބައެއް ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ވެސް ވިއްކަން ފަށާފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެސްޓީއޯގެ މުދާ ތަންކޮޅެއް ފަސޭހައިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާއިމްކުރެވޭ ފިހާރަތަކުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން، ރޯދައަށް ގެންނަ މުދާ، ޕޯޓުގައި ތާށިވިޔަނުދީ ބާޒާރަށް ނެރެވޭނެ ގޮތް އިންތިޒާމު ކުރުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ބަޒާރުގައި ތަކެތީގެ އަގު ދަނީ އުފުލެމުންނެވެ. އެގޮތުން މިފަހުން މާލޭގެ ލޯކަލް މާރުކޭޓުގައި ކާށީގެ އަގު ބޮޑުވުމާ ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.
މާލޭގެ ލޯކަލް މާރުކޭޓުން މިހާރު ކާއްޓެއް ލިބެންހުރީ 15 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެކުރިން 250 ރުފިޔާއާއި 300 ރުފިޔާއަށް ލިބުނު ކާށި ބަސްތާއެއް މިހާރު ހުރީ 1،600 ރުފިޔާއަށް އުފުލިފައެވެ.
ބާޒާރުމަތީ ފިހާރަތަކުގައި ލުނބޯ ކިލޯއެއް މިހާރު ލިބެންހުރި އަގުތަކަށް ބަލާއިރު، އެންމެ އަގުހެޔޮކޮށް ވެސް ލުނބޯ ކިލޯއެއް ލިބެންހުރީ 75 ރުފިޔާއަށެވެ. އާއްމުކޮށް ލުނބޯ ކިލޯއެއް ލިބެންހުރީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.