ކޮރަޕްޝަންގެ ކުށުގެ ތުހުމަތުގައި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ހައްޔަރު ކޮށްފިއެވެ.

މުހްޔިއްދީން ޔާސީން ހައްޔަރުކުރީ މެލޭޝިޔަން އެންޓި ކޮރަޕްޝަން ކޮމިޝަނުންނެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުހްޔިއްދީން ޔާސީން ހައްޔަރު ކޮށްފައިވަނީ، ޖަނަ ވިބަވަ ޕްރޮގްރާމްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައިގެ ތަހްގީގަށް ބަޔާން ނެގުމަށް މުހްޔިއްދީން ޔާސީން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޟިރު ކުރުމަށްފަހު މިއަދު މެންދުނު 1 ޖެހިއިރު ކަމަށެވެ.

ޖަނަ ވިބަވަ ޕްރޮގްރާމަކީ، ކޮވިޑްގެ ހާލަތުގައި މެލޭޝިޔާ ސަރުކާރުން، ކޮންޓްރެކްޓަރުންނަށް އަމާޒުކޮށްގެން ހިންގި އެހީގެ ޕެކޭޖް ހިމެނޭ އިކޮނޮމިކް ޖެނެރޭޝަން ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓަށް ހޮވި ކޮންޓްރެކްޓަރުން، މުހްޔިއްދީން ޔާސީންގެ އަމިއްލަފުޅު ސިޔާސީ ޕާޓީގެ އެކައުންޓަށް 300 މިލިއަން ރިންގިޓް (67.69 މިލިއަން ޑޮލަރު) ޑިޕޮޒިޓްކުރި ކަމަށް އުފުލުނު ތުހުމަތަކުތަކާ ގުޅިގެން އެކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ގެންދިޔައީ ތަހްގީގު ކުރަމުންނެވެ.

ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި ޖަނަ ވިބަވަ ޕްރޮގްރާމްގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޓެންޑަރ އުސޫލުން ނޫންކަމަށް ވިދާޅުވެ، އެކަން ތަހްގީގުކުރަން އަމުރު ކުރެއްވީ މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އަދި ފިނޭންސް މިނިސްޓަރުގެ ޒިންމާ އަދާކުރައްވާ އަންވަރު އިބްރާހިމްއެވެ.

ތަހްގީގަށްފަހު ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މައްޗަށް އަންނަ ހުކުރު ދުވަހު ދައުވާ އުފުލަން، އެޓަނީ ޖެނެރަލްގެ އޮފީހުން ހުއްދަ ދީފައިވާ ކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.

ކޮރަޕްޝަންގެ އެތައް މައްސަލަތަކެއްގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް މުހްޔިއްދީން ޔާސީންގެ މައްޗަށް އުފުލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި ވެއެވެ.

ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވަނީ، މުހްޔިއްދީން ޔާސީންގެ ޕާޓީ ޕްރިބުމި ބަރްސަތު މެލޭޝިޔާގެ އެތައް ބޭންކް އެކައުންޓެއްވެސް ފްރީޒްކޮށްފައެވެ.