ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ، ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ، ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރެއްވުމަށާއި، ޖަރުމަނުވިލާތާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލްއާ، އޮނަރަރީ ކޮންސުލްއަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން މިބައްދަލު ކުރެއްވުމުގައި ދިވެހިރާއްޖެއާ ޖަރުމަނާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާ، އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭ ގޮތުންވެސް ތިންބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ނަގާ 24 އިންސައްތަ ޑިއުޓީ ކަނޑާލުމަށް މަސައްކަތްކޮށްދެއްވުމަށް އެދެބޭފުޅުންގެ އަރިހުން ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސްއާ، އޮނަރަރީ ކޮންސުލް ޖެެނެރަލް އަދި އޮނަރަރީ ކޮންސުލް ބޭއްވެވި މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި އެކުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 05 ޖުލައި 1966 ގައެވެ.