މި މަހުގެ 23 ވާ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. ރޯދަމަސް ފެށެން ހަފްތާއަކަށްވެފައިވާއިރު ކޮންމެ އަހަރެއްގެ ރޯދަމާހާއި ދިމާކޮށް ލައިގަންނަ ހުދަންބަރުގެ މޫސުން މިވަނީ ފެށިފައެވެ. ދައްކަން މިއުޅެނީ ރޯދަމަހާއި ދިމާކޮށް ތަތެތީގެ އަގު އުފުލުމުގެ ވާހަކައެވެ.
ރޯދަމަހަކީ އެހެން މަސްމަހާއި ތަފާތު މަހެކެވެ. ރޯދަމަހަށްޓަކައި ދިވެހިން ދުރާލާ ތައްޔާރީތަކެއްވެސް ވެއެވެ. އެހެންނަމަވެސް ކޮންމެ އަހަރެއްގެ ރޯދަމަހުވެސް ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިއޮތީ ވަކި އެއްޗެއް ތަފާތު ނުވެ ކާބޯތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެންދާ ދިއުމެވެ. މި އަހަރުގެ ރޯދަމަސް ފެށުމަށް ހަފްތާއަކަށް ވެފައިވާއިރު މިހާރު ބާޒާރަށް އެނގުން ވެއްޖެއެވެ. ކުރިއަށް އޮތްތަނުގައި އަގު ބޮޑުވާނީ ކޮން ބާވަތަކުންކަންވެސް ނޭނގޭ މިންވަރަށް ރައްޔިތުން ތިބީ ހާސްވެފައެވެ.
ބާޒާރުގެ އަގުތަކަށް ބަދަލުއައި ތަކެތީގެ ތެރޭގައި މިހާރު އެންމެ ފާހަގަކުރެވެނީ ކާށީގެ އަގު ބޮޑުވުމެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މާލޭގެ ލޯކަލް މާރުކޭޓުން މިހާރު ކާއްޓެއް ލިބެންހުރީ 15 ރުފިޔާއާއި 35 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. މީގެކުރިން 250 ރުފިޔާއާއި 300 ރުފިޔާއަށް ލިބުނު ކާށި ބަސްތާއެއް މިހާރު ހުރީ 1،600 ރުފިޔާއަށް އުފުލިފައެވެ. މިކަމާއި ގުޅިގެން މާރުކޭޓުގައި ކާށި ވިއްކާ ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ ކާށި އަގު ބޮޑުވީ ލިބޭ މިންވަރު މަދުވުމުންކަމަށެވެ. އަދި ކާށި ލިބޭ މިންވަރު މަދުވަނީ ރުއްތަކަށް ބައްޔެއް ޖެހިގެންކަމަށް އެފަރާތްތަކުން ބުނެއެވެ. ކާއްޓަކީ އެހެން މަސްމަހަށްވުރެ ރޯދަމަހަށް ބޭނުންތެރި އެއްޗެކެވެ.
ރޯދަމަސް ބޯމަތިވެފައިވާއިރު ދެން ބާޒާރުގައި އަގު އުފުލުނު އަނެއް ބާވަތަކީ ލުނބޮއެވެ. ބާޒާރުމަތީ ފިހާރަތަކުގައި ލުނބޯ ކިލޯއެއް މިހާރު ލިބެންހުރި އަގުތަކަށް ބަލާއިރު، އެންމެ އަގުހެޔޮކޮށް ވެސް ލުނބޯ ކިލޯއެއް ލިބެންހުރީ 75 ރުފިޔާއަށެވެ. އާއްމުކޮށް ލުނބޯ ކިލޯއެއް ލިބެންހުރީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
އެހެން ރޯދަމަސްތަކުގައި ރަނުގެ އަގަށް ލިބޭ ކަނޑޫދޫ މިރުހަށް ވާ ގޮތެއް އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ. ހުސްވި ރޯދަމަހުވެސް އާންމު އަގަށް ވުރެ ދެ ގުނަ މައްޗަށް ކަނޑޫދޫ މިރުހުގެ އަގު އުފުލުނެވެ. ވޭތުވެދިޔަ ދެ ތިން ރޯދަ މަހު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 1200ރ. އަށް ވެސް އެރި އެވެ.
މިހާރުވެސް އަގަށް ބަދަލުއައިސްފައިވާ ތަކެތީގެ ތެރެއިން އަގު ހާމަކޮށްލި މަދު ތަކެއްޗަކީވެސް އެހެން މަސްމަހަށްވުރެ ގިނައިން ރޯދަމަހުގެ ސުފުރާ ފަޅުފިލުވުމަށް ބޭނުންތެރި ތަކެއްޗެވެ. ރޯދަ ވީއްލަން ހެދިކާއެއް ހެދިޔަސް ހާރުކާން ރިހައެއް ކެއްކިޔަސް މިތަކެއްޗާއި ނުލައި މިންހަމަނުވާނެ ތަކެއްޗެވެ.
މިއަހަރުގެ ރޯދަމަސް ބައްދަލުކުރާ ދަނޑިވަޅަކީ މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީ ސަރުކާރުން ބޮޑުކޮށްފައިވާ ދުވަސްވަރަކަށް ވުމާއިއެކު ބޮޑުކުރި ޓެކްސްގެ ބުރަ އާއްމު ރައްޔިތުންނަށް ވަނީ ވޭނަކަށްވެފައެވެ.
ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު އުފުލުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އިއްޔެވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން މި މައްސަލަ ހައްލުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްސީލު ހިއްސާކުރައްވަމުން މިއުވާން ވިދާޅުވީ ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހުސްވިޔަނުދީ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯއިން ކާބޯތަކެތީގެ ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާއިރު، އޭގެ ފުރުތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ގެނެވިފައިވާކަމަށެވެ.
އޭގެތެރެއިން ބައެއް ތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިހާރު ވެސް ވިއްކަން ފަށާފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. ރޯދައަށް ގެންނަ މުދާ، ޕޯޓުގައި ތާށިވިޔަނުދީ ބާޒާރަށް ނެރެވޭނެ ގޮތް އިންތިޒާމު ކުރުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
ރޯދަމަހަކީ ވިޔަފާރިވެރިންނަށްޓަކައި އަންނަ ހުދަންބަރާއި މާވަހަރުގެ މޫސުމަކަށް ވެފައިވާއިރު މިކަމާއި އެފަރާތްތަކުންނާއި ސަރުކާރުންވެސް ވިސްނަންވެއްޖެއެވެ. ތަކެތި ވިއްކަންވެސް އާއްމު ރައްޔިތުން ތިބިކަން ދަންނަ ފަދައިން ތަކެތި ގަންނަންވެސް ތިބީ ހަމަ އާއްމު ރައްޔިތުންކަން ދަންނަންވެއްޖެއެވެ. އެހެންކަމަށްވުމާއިއެކު ރޯދަމަހަށް ބޭނުންވާ ޒަރޫރީ ތަކެތި ރައްޔިތުންގެ އަތް ފޯރާފަށަށް ތިރިކޮށްލަދިނުމަކީ ރޯދަމަހަށްޓަކައި ކޮށްލުން ރަނގަޅު ކަމަކަށް ވާނެއެވެ.