މި ސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްގީކުރި ފަރެސްމާތޮޑާ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވެއްޖެއެވެ.
"ވީނިއުސް"އަށް މައުލޫމާތު ލިބޭ ގޮތުގައި، ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ ހިތްގައިމު ޓާމިނަލެއްވެސް ހިމެނޭ މިއެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ހަމަޖައްސާފައިވަނީ މިހިނގާ މާރިޗުމަހުގެ 13ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 3:45 ގައެވެ. އަދި ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާނީ ގައުމީ އެއާލައިން "މޯލްޑިވިއަން"ގެ ފްލައިޓެކެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ އެއެއާޕޯޓުގައި ކުރަން ހުރި މައިގަނޑު ހުރިހާ މަސައްކަތްތަކެއްވެސް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެއާޕޯޓް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ކުރަން ހުރި ކުދިކުދި ބައެއް މަސައްކަތްތައް ކަމަށެވެ. މިއެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަންވޭގައި ލައިޓް ހަރުކޮށް އެކަންވެސް ޓެސްޓްކޮށްފައިވެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްގީކުރި ވައިގެ ބަނދަރެކެވެ.
އެކުންފުންޏާ މަޝްރޫއު ހަވާލުކުރީ 2020ގެ ނޮވެމްބަރު މަހުގައެވެ. މި އެއާޕޯޓުގައި 1،200 މީޓަރުގެ ދިގު ރަންވޭއެއް ވަނީ ތަރައްގީކޮށްފައެވެ. އެމްޓީސީސީއާ މިމަޝްރޫއު ހަވާލުކުރީ 144.8 މިލިއަން ރުފިޔާއަށެވެ. އެކުންފުނިން މިއެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގައެވެ.