ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިތުރު ލޮގިން ނޮޓިފިކޭޝަން ފޮނުވުމަށް އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، ކަސްޓަމަރުންގެ ރައްކާތެރި ކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގއަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލަރޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެކެވެ. މީގެއިތުރުން، އިންޓަރނެޓް އަދި މޮބައިލް ބޭންކިންގއަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ، މިހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލަރޓް ލިބޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަރނެޓް އަދި މޮބައިލް ބޭންކިންގއަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުން ކަމަށް ބީއެމްއެލުން ބުނެއެވެ.
މިހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ ޔޫސަރނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށްވެސް ބީއެމްއެލުން އެދެއެވެ.
ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ބީއެމްއެލުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މި ހަފްތާގެ ކުރީކޮޅު ބޭންކުންވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އަދި މީގެއިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓަރ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލަރޓް ފޮނުވުމާއި އިންޓަރނެޓޭ އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުން ހިމެނެއެވެ.
ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްބޭންކުން މެދުނުކެނޑި މަސައްކަތްތައް ކުރަމުންދާނެ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލުން ބުނީ، ސެކިއުރިޓީ ފީޗަރސްތައްއިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށެވެ.